އިރުހަނދާ ތަރިތައް ރައްޔިތުންނަށް ވެދުމަށް ދެވޭނެ ވާހަކަ ޕޯޑިއަމްގައި ހުރެ ދެއްކިދާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.

ލ.ފޮނަދޫގައި މިއަދު އޮތް ކެމްޕޭނު ޖަލްސާއެއް ގައި ވާހަކަ ފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ގިނަ ޕާޓީ ތައް އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖެ އަށް ތައާރަފު ވުމުގެ ކުރީއްސުރެ ފެށިގެން ވެސް އިންތިހާބާ ދިމާކޮށް، ރައްޔިތުންގެ ކައިރީގައި، ވެރީން އެކި ކަހަލަ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.

"މާ ކުރީއްސުރެ ދިވެހިރާއްޖެ އަށް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު އައުމުގެ ކުރީއްސުރެ ފަށައިގެން ވެސް އިންތިހާބު ތަކާ ދިމާކޮށް ރައްޔިތުން ގާތުގައި އެކި ބާވަތް ބާވަތުގެ ވާހަކަ ވެރީން ދައްކަވަމުން ހިންގަވާ. އަޅުގަނޑަށް މިއަދު މިތާ ހުރެ ތިޔަބޭފުޅުންނަށް ދެންނެވިދާނެ ރަން އިލޮށިން ކަދުރު ކާން ދޭނެ ވާހަކަ ވެސް. އަދި އަޅުގަނޑަށް ތިޔަބޭފުޅުންނަށް އިރު ހަނދާ ތަރިތައް ވެދުމަށް ދެވޭނެ ވާހަކަވެސް ދެއްކިދާނެ" ނަޝީދު ވިދާޅު ވިއެވެ.

ނަޝީދު ވިދާޅުވީ، އެރަށުގައި އަޅާފައި ވާ ތާރަކީ ވެސް އިންތިހާބާ ކައިރިކޮށް، ވޯޓު ލިބޭނެ ކަމަށް ހީކޮށް، ގަށާލާފައި އަޅާލި 'ކޮންކްރީޓް' ގަނޑެއް ކަމަށެވެ. އަދި އޭގެ އިތުރުން ވެސް އެރަށުގައި (ވޯޓާ ދިމާކޮށް) ކޮށްފަ ނުކުރާނެ ކަމެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅު ވިއެވެ.

އެމްޑީޕީއަކީ އެ ގޮތަށް އެކަން ކުރުމަށް އައިސް ތިބި ޕާޓީ އެއް ނޫން ކަމަށާއި، އެމްޑީޕީ ގެ ސިޔާސަތުގައި ހިމެނެނީ ރައްޔިތުންގެ ގޭގެއަށް ދިޔުމުން، ރައްޔިތުންނަށް ކޮށްދޭން ފެންނަ ކަމަށް ރައްޔިތުން އެދުނު ކަންކަން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީން ކޮށްދޭން ބުނި ބައެއް ކަންތައްތައް ކުރާނީ ކިހިނެތް ކަމާ މެދު ރައްޔިތުން ވެސް ސުވާލު އުފެއްދި ކަމަށެވެ.

"އަޅުގަނޑު މެން އެދުވަހު މިވާހަކަ ދައްކަމުން ދިޔައީމާ ހަމަ މިރަށުން ވެސް ވަރަށް ގިނަ ބޭފުޅުން ބުނުއްވަމުން ގެންދެވި، އެއީއަކީ އެއް ބަޔަކަށް ވާން އޮތް ކަމެއް ނޫނޭ، ކިހިނެތް ހެއްޔޭ ހަތްދިހަ އައްޑިހަ ހާސް ކިޔަވާ ކުދީންނަށް ފޮތް ފަންސުރު ގަލަން ގަނެދެވޭނީ. ތިމަންނާ އެކަނި ތިމަންނާގެ ދެދަރީންނަށް ތިންދަރިންނަށް ގަންނަން އުޅެން ޖެހޭ ހާލު އެބަ އެނގޭ، އޭގެ އައްޑިހަ ހާސް ކުދިންނަށް އެކަން ކުރެވޭނީ ކިހިނެތް ހެއްޔޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ އަހަރު ޓެކްސްގެ ނިޒާމު ތައާރަފު ކުރެވުނު ކަމަށާ، އެ ވައުދުތައް ފުއްދުމުގެ މަގު ފަހިވީ އެކަމުގެ ސަބަބުން ކަމުގައެވެ. އަދި ޓެކްސް ގެ ނިޒާމުގު ސަބަބުން ދައުލަތަށް ވަންނަމުން ދިޔަ އާމްދަނީ އެތައް ގުނައެއް އިތުރުވި ކަން ވެސް ނަޝީދު ފާހަގަ ކުރެއްވިއެވެ.