ފްލެޓްތަކުގެ މައްސަލައިގައި ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދު މެންދުރު 2:00 އަށް ހަމަވި އިރު ހުށަހެޅީ ކިތައް ޝަކުވާ ކަމެއް ސާފެއް ނުވިއެވެ.

ފްލެޓްތަކުގެ މައްސަލައިގައި ޝަކުވާ ހުށެހެޅުމަށް ހުޅުވާލީ މިމަހުގެ ހަތަރު ވަނަ ދުވަހެވެ.

ރައީސް އޮފީހުން ގެޒެޓް ކުރި އިއުލާނުގައި ބުނެފައިވަނީ ދީފައިވާ މުއްދަތުގައި ސިޓީ، އީމެއިލް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް ޝަކުވާ ހުށެހެޅުމުގެ ކަންތައްތައް ކުރިއަށް ދިޔައީ އެންމެ އެކަށީގެންވާ ގޮތަށް ކަމެއް އަދި ޝަކުވާތައް ކޮމިޓީއަށް ލިބުނު ކަމެއް ވެސް ޔަގީނެއް ނުވެއެވެ.

ފުލެޓްތަކާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތަކުގެ އަދަދު ސާފު ކުރުމަށް ރައީސް އޮފީހަށް ގުޅުމުން ބުނީ "ދަޕްރެސް"ގެ ސުވާލު ޕޮލިސީ ޑިޕާޓުމަންޓަށް ފޮނުވާފައިވާ ކަމަށާ ޖަވާބެއް ލިބޭތޯ ބަލާނެ ކަމަށެވެ.

ފްލެޓްތަކާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ދީފައިވާ ނަންބަރަށް މެސެޖް ޑެލިވާ ނުވެ ހުރުމާ އީމެއިލް ކުރުމުން މެއިލް ލިބުނު ކަމުގެ ޖަވާބެއް (އެކްނޮލެޖްމެންޓް) ވެސް ނުލިބޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަކީ ހިޔާ މަޝްރޫއު އާއި ގެދޮރުވެރިކުރުމުގެ މަޝްރޫއު އާއި ގުޅީފަޅު ހައުސިން ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވާ ގޮތާއި އެ މަޝްރޫއުތަކުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވާ ގޮތް ބަލައި އިންސާފުވެރި ކަމާއެކު ފްލެޓް ލިބޭނެގޮތް މަގުފަހިކޮށް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވައިލެއްވި ކޮމިޓީއެކެވެ.

މިދިޔަ ސަރުކާރުން ފްލެޓް ދިން މީހުންގެ ތެރޭގައި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ގިނަ ބަޔަކަށް ފުލެޓް ދީފައި ވާކަމަށާ، ފޯމުގައި ހަމަ އެކަނި ނަން ޖަހާލައިގެންވެސް ފްލެޓް ދީފައި ހުރި ކަމަށް މިއަދުގެ ސަރުކާރުން އަންނަނީ ބުނަމުންނެވެ.