ކުޑަ ގޮތަކަށް ފެށި ނަމަވެސް، ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓީވީ ސީރީޒް "ޖޭން ދަ ވާޖިން"ގެ އެންމެ ފަހު ސީޒަން މި ހަފުތާ ތެރޭގައި ދައްކަން ފަށާނެއެވެ.

ސީރީޒް ލީޑު ނުވަތަ ޖޭންގެ ކެރެކްޓާއިން ފެނިގެންދާ ޖީނާ ރޮޑްރިގޭޒް ބުނާ ގޮތުގައި އޭނާގެ އެދެނީ ހުރިހާ ފޭނުންވެސް މި ސީޒަންގެ ކޮންމެ އެޕިސޯޑެއް ބަލާއިރުވެސް ރޯލަ ރޯލާ ތިބުމަށެވެ. މިފަހަރުގެ އެޕިސޯޑްތައް ވެގެންދާނީ ބެލުންތެރިންގެ އިހުސާސްތަކާ އިންތިހާއަށް ކުޅެލާނެ ވަދާއީ ސަލާމަކަށް ކަމަށްވެއެވެ.

"ޖޭން ދަ ވާޖިން"ގެ 4 ވަނަ ސީޒަން ނިންމާލާފައިވަނީ ރަފައޭލް (ޖަސްޓިން ބަލްޑޯނީ)ގެ ކައިވެންޏާއި މެދު ވިސްނަމުންދާ ޖޭން (ޖީނާ ރޮޑްރިގޭޒް)ގެ މަރުވެފައިވާ ފިރިމީހާ މައިކަލް (ބްރެޓް ޑަޔާ) "އަންނަ" ހިސާބުންނެވެ. ސީޒަން 5 ފެށިގެންދާނީ އެއީ ހަގީގަތުގައިވެސް މައިކަލް ތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރާ ހިސާބުން ކަމަށްވެއެވެ.

2014 ވަނަ އަހަރު ސީޑަބްލިއުއިން ދައްކަން ފެށި "ޖޭން ދަ ވާޖިން"އަކީ ގިނަ އެވޯޑްތަކެއްވެސް ހާސިލުކޮށްފައިވާ ޓީވީ ސީރީޒްއެކެވެ. މި ސީރީޒްގެ ސްޕިން-އޯފްއެއް މިއަހަރު ނޫނީ އަންނަ އަހަރު ފެނިގެންދާނެކަމަށް ސީޑަބްލިއުއިން ބުނެފައިވާއިރު، ރޮމޭންޓިކް ކޮމެޑީ ޓީވީ ސީރީޒް "ޖޭން ދަ ވާޖިން"ގެ އެޕިސޯޑްތައް ނެޓްފްލިކްސްއިންވެސް ދަނީ ސްޓްރީމްކުރަމުންނެވެ.