އެމްޑީޕީގެ ޓިކެޓްގައި ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވާ ހިސާން ހުސައިންގެ މައްޗަށް ކުރަނީ ރޭވިގެން އަބުރު ނަގާލުމަށް ހިނގާ ސިޔާސީ ހަރަކާތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންތަކަކަށް ލާއިންސާނީ އަނިޔާތަކެއް ކުރިކަމަށް ބުނެ އެ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނެސް ފޮނުވި ސިޓީއާއި ގުޅިގެން، ހިސާނާ އެއްކޮޅަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވަކީލު އަދި އެމްޑީޕީ ޓިކެޓްގައި ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ހިސާންގެ އަބުރު ނަގާލުމަށް ރޭވިގެން ހިންގާ ސިިޔާސީ ހަރަކާތްތަކަކީ ފިނޑި ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ. އަދި ހިސާނަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ހިސާންގެ މައްޗަށް ތުހުމަތުކޮށް، ރައީސް ސޯލިހުގެ ސަމާލުކަމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހިސާންގެ ގެ މ.ނޫހިރީގައި، އަހަރު ތަކެއް ކުރިން ކިޔަވަން ތިބި ކުދިން ތަކަކަށް ލާއިންސާނީ އަނިޔާތަކެއް ކުރިމަތި ކުރުވި ކަމަށެވެ. އަދި އޭރު އެގޭގައި ކިޔަވަން ތިބި ތިން ފިރިހެން ކުއްޖަކަށާ، ދެ އަންހެން ކުއްޖަކަށް އެކި ކަހަލަ ތުރާތައް ކުރިމަތި ކުރުވި ކަމަށް ބުނެ، ރައީސް ސޯލިހަށް ސިޓީ ހުށައަޅާފައި ވަނީ އޭރު ހިސާން ގެ ގޭގައި ކިޔަވަން ހުރި ތުޅާދޫ އަނަސް އަހްމަދެވެ.
މި ސިޓީގައި ބުނެފައިވަނީ އެގޭގައ ކިޔަވަން ތިބި ކުދީން އުޅޭ ކޮޓަރިން، ފެނާ ކަރަންޓު ކަނޑާލުމުގެ އިތުރުން، ކޮޓަރީގެ ފެންލައިޓުން އެއް ފޫޓު ހުންނަވަރުގެ އެޅި ގަލެއް ކޮޓަރިއަށް އެއްލާފައި ވާކަމަށެވެ. އަދި ކޮޓަރީގައި ނިދާފައި ތިއްބާ، 7 ފަހަރެއްގެ މަތީން ތަޅު ހަލާކު ކޮށްލާފައި ވާކަމަށް ވެސް އަނަސް ބުނެފައިވެއެވެ.
ނަމަވެސް ހިސާން މިކަން ދޮގުކުރެއެވެ. ހިސާން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި، އެއީ ބަޔަކު ގަސްދުގައި އޭނާގެ ކެމްޕޭނަށް ހުރަސް އެޅުމަށް ކުރާ ކަމެއްކަމަށް ބުނެފައިވެއެވެ. އަދި މިކަމުގައި ފަހަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމްގެ އަތެއްކަމަށްވާކަމަށް ހިސާން ތުހުމަތު ކުރެއެވެ.
ހިސާންގެ ދިފާއުގައި ނަޝީދު ވާހަކަ ދައްކާފައިވާ އިރު، ގދ. ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް މުޣްނީގެ މައްޗަށް ކުރެވުނު ތުހުމަތާއި ގުޅިގެން ނަޝީދު ވަނީ އޭނާއަށް ކުރި ތާއިދު އަނބުރާ ގެނެސްފައެވެ. އަދި އެމްޑީޕީން ވަނީ މުޣްނީއަށް ތާއިދު ނުކުރުމަށް ނިންމާފައެވެ. މުޣްނީއަށް ތާއިދު ނުކުރަން އެމްޑީޕީން ނިންމި އިރު އެ މައްސަލަ އެއްވެސް ގޮތަކަށް އެމްޑީޕީން ނުބަލައެވެ.
މުޣްނީއަށް ކުރި ތާއިދު އަނބުރާ ގެންގޮސް ހިސާނަށް ކުރި ތުހުމަތާއި ގުޅިގެން ނަޝީދު ހިސާނާ އެއްކޮޅަށް ވާހަކަ ދައްކަވާފައިވާތީ ގިނަ ބަޔަކު އަންނަނީ ނަޝީދަށް ފާޑުވިދާޅުވަމުންނެވެ. އަދި ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން ނަޝީދު މަސައްކަތް ކުރައްވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.