ބަންގްލަދޭޝްގެ ތޮއްޖެހިފައިވާ ކޭމްޕުތަކުގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން، ވަކި ރަށަކަށް ބަދަލު ކުރުމުގެ މަސައްކަތްތައް އަންނަ މަހު ފަށާނެ ކަމަށް ބަންގްލަދޭޝްއިން ބުނެފިއެވެ.

ބަންގްލަދޭޝްއިން މިކަން ހާމަކޮށްފައިވާއިރު، އެ ރަށަކީ މޫސުމީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭ ރަށެއްކަން ފާހަގަކޮށް، ގިނަ ފާޑުކިއުންތަކެއްވެސް ބަންގްލަދޭޝްއަށްވަނީ އަމާޒުވެފައެވެ.

ބަޝާން ޗާރުގެ ނަމުން ނަންދީފައިވާ މި ރަޝަކީ، ޗަކަ ބިމެއް ކަމަށާ، މި ރަށް ބޭ އޮފް ބެންގޯލް ސަރަހައްދުގައި މިރަށް އުފެދުނީ 2004 ވަނަ އަހަރާއި ހިސާބުގައި ކަމަށް މައުލޫމާތު ލިބެއެވެ. ޚަބަރު ލިބޭ ގޮތުގައި ބަންގްލަދޭޝްއިންވަނީ މި ރަށުގައި ބޯހިޔާވަހިކުރާނެ އިންތިޒާމުތަކުގައި، ފެންބޮޑުވުމުން ސަލާމަތްކޮށްދޭނެ ފާރުތަކެއްވެސް ރާނާފައެވެ.

ބަންގްލަދޭޝްއާއި މިޔަންމާ ހިއްސާކުރާ ސަރަހައްދީ އިން ކައިރީގައި ރޯހިންޏާ ދަރިކޮޅުގެ މިލިއަނެއްހާ ރެފިއުޖީން ދިރިއުޅެމުންދާއިރު، ވަކިން އޮތް ރަށަށް ރެފިއުޖީން ބަދަލުކުރުމުގެ ވާހަކަތައް ބަންގްލަދޭޝްއިން ދައްކާތާ ދުވަސްތަކެއްވެފައިވާއިރު، މިކަމުގެ އަމަލީ މަސައްކަތްތައް އަދި އޮތީ ފެށޭ ގޮތް ނުވެފައެވެ.

މި ރަށަށް ބަދަލުވުމަށް ރޯހިންޏާ ރެފިއުޖީންވެސް ބޭނުން ނުވާއިރު، މި ރަށަކީ މޫސުމީ ގަދަ ކޮޅިގަނޑުތަކާއި ތޫފާންތަކުގައި އެންމެ ރައްކާތެރި ރަށަކަށް ނުވެދާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ބަންގްލަދޭޝްއަށް ފާޑުކިއަމުންނެވެ.

ކަންމިހެން އޮތް ނަމަވެސް، މިޔަންމާއިން ބަންގްލަދޭޝްއަށް ހިޖުރަކުރި ރޯހިންނާ ރެފިއުޖީން އެ ރަށަށް ބަދަލުކުރުމުގެ މަސައްކަތް އަމަލީ ގޮތުން އަންނަ މަހު ފަށާނެކަމަށް، ބަންގްލަދޭޝް ސަރުކާރުގެ އިސް ވަޒީރެއް ކަމަށްވާ މުއްޒައްމިލް ޙައްޤުވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެ ރަށުގައި އިމާރާތް ކުރަންޖެހޭ ހުރިހާ ތަނެއް އިމާރާތްކޮށްވެސް މިހާރު ނިމިފައިވާކަމަށެވެ.

ރެފިއުޖީން މިހާރު ދިރިއުޅެމުންދާ ކޮކްސް ބާޒާރުގެ އޮފިޝަލެއްގެ ގޮތުގައި ހުންނެވި ކަމާލް ހުސައިން ވިދާޅުވީ، އަމިއްލަ އިހުތިޔާރުގައި އެ ރަށަށް ބަދަލުވާން ބޭނުންވާ ރެފިއުޖީންގެ ލިސްޓެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ޖިއޮގްރަފީ ގޮތުން މިރަށް އުފެދިފައި އޮންނަ ސަރަހައްދަށް ދެވެނީ، އެންމެ ކައިރިން އޮންނަ ހިކިފަސްތަނުން ފުރައިގެން ގަޑިއެއް ހާއިރު ކަނޑުބޯޓެއްގައި ދުއްވައިގެންނެވެ.