ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގައި ކުނިއުކަން ރެޖިސްޓާ ކޮށްފައިވާ ގެތަކުގެ 60 އިންސަންތަ މީހުން ގަވާއިދުން ފީ ނުދައްކާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި އާދަމް ވިދާޅުވީ ރެޖިސްޓާ ކޮށްފައިވާ ގެތަކުގެ 60 އިންސައްތަ މީހުން ގަވާއިދުން ފީނުދައްކާ ކަމަށާއި މިކަމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި މާލީ ގޮންޖެހުންތައް ކުރިމަތިވެ، ހިދުމަތައް ވެސް ބުރުއަރާ ކަމަށެވެ.
މީގެ އިތުރުން އާދަމް ވިދާޅުވީ މާލޭގައި 30،000 ގޭބިސީ ހުރިއިރު، އޭގެތެރެއިން ވެމްކޯގައި ރެޖިސްޓާކޮށްފައި ވަނީ 20،000 ގެކަމަށެވެ. އަދި ކޮމާޝަލް ތަންތަނުގެ ގޮތުގައި 11،000 ތަން ހުރިއިރު، ވެމްކޯގައި ރެޖިސްޓާކޮށް ކުނި އުކަމުންދަނީ 1500 ތަނުން ކަމަށެވެ. އަދި ސާވޭ މެދުވެރިކޮށް ރެޖިސްޓާ ނުކުރާ ތަންތަނާއި، އެތަންތަނުން ކުނި އުކަމުންދާ ގޮތް ދެނެގަނެ، އެކަން ހައްލުކުރާނެކަމަށެވެ. އަދި މިކަންކަން ހައްލު ކުރުމަށް ވެމްކޯއިން ސާވޭއެއް ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސާވޭ ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ރަޖިސްޓްރީ ނުކޮށް ހުރި ގެތައް ދެނެގަނެ ރަޖިސްޓްރީ ކުރުވުމާއި، ވެމްކޯއަށް ފީނުދައްކާ މައްސަލަ ހައްލުކުރުން ކަމަށާއި މި ސާވޭ މެދުވެރިކޮށް ވެމްކޯގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް އާދަމް ވިދާޅުވިއެވެ.
ވެމްކޯއިން މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން ސާވޭ ފުރަތަމަ ފަށާފައިވަނީ ހެންވޭރުންނެވެ. ސާވޭ އާއި ގުޅޭ މައުލޫމާތު ދެއްވަމުން ވެމްކޯގެ ބިސްނަސް ޑެވެލޮޕްމަންޓް މެނޭޖާ އިސްމާއިލް އުބައިދު ވިދާޅުވީ ސާވޭ ކުރިއަށް ގެންދާނީ ވެމްކޯގެ މުވައްޒަފުން މެދުވެރިކޮށް ކަމަށާއި މި ސާވޭ ކުރިއަށްގެންދާ ވަގުތު، ގެތަކަށްދާ މުވައްޒަފުން މެދުވެރިކޮށް ފައިސާ ނަގަމުން ނުދާނެކަމަށެވެ.
ކޮންމެ ދުވަހެއްގެ މެންދުރު ދޭކުން ރޭގަނޑު ނުވަޔަކަށް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ސާވޭ އެއްކޮށް ނިންމާލެވޭނެ ކަމަށް ވެމްކޯއިން ބުނެފައިވަނީ ހަމަސް ދުވަހުގެ ތެރޭގައެވެ. ސާވޭ ނިމުމާއި އެކު މައްސަލަތައް ދަނެގަނެ، އެކަންކަން ހައްލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.
ވެމްކޯގައި ރެޖިސްޓާ ކޮށް، ގޭގެއިން ކުނި އުކުމުގެ ހިދުމަތް ފަށާފައިވަނީ 2017 ވަނަ އަހަރު ފަހުކޮޅުއެވެ. ނަމަވެސް އާއްމުންގެ އެއްބާރުލުން މިކަމުގައި ކުޑަވުމުގެ ސަބަބުން އެ މަސައްކަތް އަދިވެސް އެންމެ ފުރިހަމައަށް ދިނުމުގައި ދަތިތައް ހުރިކަން ވެމްކޯއިން ފާހަގަކުރެއެވެ.