ޔުމްނު ރަޝީދުގެ މައްސަލަ ބަަލަން އުފެއްދި ކޮމިޝަން އިން މަސައްކަތް ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް މި މައްސަލަ ބަލައި ލަފާ އެރުވުމަށް މާ ގިނަ މުއްދަތެއް ނުނަގާނެ ކަމަށް މި ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު މިހެން ވިދާޅުވީ، ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހު ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ޔުމްނު މައްސަލައިގެ ކޮމިޝަންގެ މަސައްކަތްތައް ފަށާފައިވާ ކަން ހާޟަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ. އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި މިއީ ވަރަށް ހައްސާސް މައްސަލައެއް ކަން ފާހަގަ ކުރައްވަމުން މުނައްވަރު ވިދާޅުވީ، މި މައްސަލައިގައި ބަލަން ހުރި ކަންކަން ބަލައި ލަފާ އަރުވަން މާ ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ.

މި ކޮމިޝަންގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށާއި، އަދި މި ނޫސްވެރިންގެ ބައްދަލުވުން ނިމުމަށް ފަހު އެ ކޮމިޝަންގެ ދެވަނަ ބައްދަލުވުން ބާއްވާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މި މައްސަލަ ބަލައި ނިންމަން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް މުނައްވަރު ވިދާޅުވި ނަމަވެސް ސީދާ މި މައްސަލަ ބަލައި ނިންމަން ހޭދަ ވާނެ މުދަތެއް ހާމައެއް ނުކުރައްވައެވެ.

މި ކޮމިޝަންގައި މހާރު ތިއްބަވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދުގެ އިތުރުން ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641، ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ އަދި އާމިނަތު އީނާސް، ހ. ހަބަރުގެ އެވެ.

މި ކޮމިޝަން އުފެއްދި އިރު ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބު އައްޔަން ކޮށްފައި ވީ ނަމަވެސް ފަހުން އޭނާ ވަނީ މި ކޮމިޝަނުން ވަކިވެފައެވެ. މި ކޮމިޝަނުން ހަބީބް ވަކިވެވަޑައިގެންފައި ވަނީ ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް އާއިލީ ގުޅުން އޮންނާތީ ކަމަށް މައުލޫމާތު ލިބެއެވެ.