މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

މި މަހުގެ 24 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ރައުދުގެ ބަންދަށް ފުރަތަމަ ޖަހާފައި ވަނީ 5 ދުވަހެވެ.

ރައުދުގެ ބަންދަށް ފުރަތަމަ ޖެހި 5 ދުވަހުގެ މުއްދަތު ހަމަވުމާއެކު އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހ. ފެންޓެނޯއީ ގެއިން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގައި ޔުމްނު އާއެކު އެގޭގައި އުޅުނު ރައުދު ހައްޔަރުކޮށްފައިވާ އިރު، މި ހާދިސާއާ ގުޅިގެން 8 މީހެއްގެ ފޯނު ވެސް ވަނީ ހިފަހައްޓާފައެވެ.

މި ހާދިސާގައި ވެއްޓި އަނިޔާވި ޔުމްނުއަށް މެލޭޝިއާގައި ފަރުވާދެމުން އަންނައިރު ކަރާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދެއް ލާފައިވާތީ އިއްޔެ އޭނާގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ. ޔުމްނުގެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ޔުމްނުގެ އެންމެ ނުރައްކާތެރި އޮޕަރޭޝަންއެވެ.

މި އޮޕަރޭޝަން ކާމިޔާބު ކަމަށާޢި ދެން މި ފަދަ ނުރައްކާތެރި އޮޕަރޭޝަނެއްކުރަން ނުޖެހޭނެކަން ހާމަކޮށް ޔުމްނުގެ އާއިލާއިން ބުނެފައި ވަނީ ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް އިށީނދެ އިނދެވޭނެ ކަމަށެވެ.

ޔުމްނަށް ފަރުވާ ދޭނެ ކަމަށް ވަނީ މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރުގައި ހުންނަ ޕަންޓާއީ ހޮސްޕިޓަލުންނެވެ.