އޭނާ ދިރިހުންނާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށްބުނެ ކެލިފޯނިއާގެ ޑޮކްޓަރަކު، ބަލިމީހަކަށް ރޮބޮޓެއް މެދުވެރިކޮށް ޚަބަރު ދިން މައްސަލަ ބޮޑުވެއްޖެއެވެ.

ކެލިފޯނިއާގެ ކެއިޒާ މެޑިކަލް ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ، އުމުރުން 78 އަހަރުގެ އާނަސްޓް ކުއިންޓީނާގެ މަރު ގާތްވެއްޖެކަމަށް ބުނެ، އެ ޚަބަރު އޭނާއަށް ދީފައިވަނީ މޫނުމަތީގައި ސްކްރީނެއް ހަރުކޮށްފައިވާ ރޮބޮޓެއް ބޭނުންކޮށްގެންނެވެ. އެ ސްކްރީނުން ފެންނަން ހުންނަނީ ޑޮކްޓަރެވެ.

ކުއިންޓީނާ ވަނީ ޖެހިގެން އައި ދުވަހު މަރުވެފައެވެ.

ކުއިންޓީނާގެ އާއިލީ ރައްޓެއްސަކު ބުނީ މިއީ ބަލި މީހުންނާ މެދު ރަހުމަތުގެ ކަންފުޅެއްވެސް ނެތް، އަދު އެމީހާގެ އަގެއް ނެތްކަން ދައްކުވާދޭފަދަ އަމަލެއް ކަމަށެވެ. އަދި މިއީ ޖަރީމާއެއް ކަމުގައިވެސް އޭނާ ވަނީ ސިފަކޮށްފައެވެ.

އާއިލީ ރަހުމަތްތެރިޔާ ބުނީ ސިއްހީ ހިދުމަތުގެ ދާއިރާގައި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދުމަކީ ރަނގަޅު ކަމެއް ކަމަށާއި، ނަމަވެސް ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ ހާލަތްތަކާއި ގޮތްކަކީ ކަޅާއި ހުދު ހެން ވަކިވާ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ.

ހޮސްޕިޓަލުން ވަނީ، އާއިލާގެ އުއްމީދުތައް ފުރިހަމަކޮށް ނުދެވުނީތީ އެކަމަށް މައާފަށް އެދިފައެވެ.