އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ބޭރުގެ ހަތަރު ތަނެއްގައި އަދި ހަ ރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވަނީ ދިއްލީ، ސިންގަޕޫރު، ތައިލޭންޑާއި ބަނގުލަދޭޝްގެ އިތުރުން ރާއްޖޭގެ ސޮނެއިވާފުށި ރިސޯޓާއި، އަޔާޑާ މޯލްޑިވްސްއާއި އަދާރަން ސިލެކްޓު ހުދުރަންފުށްޓާ އަމިއްލަފުށި ރިސޯޓާއި ކިހާ މޯލްޑިވްސްއާއި ގިލިލަންކަން ފުށީގައެވެ.

އީސީން މިގޮތަށް ނިންމާފައިވަނީ އިންތިހާބުގައި ރީރަޖިސްޓްރީއަށް ހުޅުވާލި ފުރުސަތުގައި، އެ ތަންތަނުގައި ވޯޓު ފޮށި ބަހައްޓަން އީސީން ކަނޑައެޅި އަދަދަށް މީހުން ރަޖިސްޓްރީ ނުވާތީއެވެ. އީސީން ބުނެފައިވަނީ ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ 100 މީހުންނަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމުންނެވެ. އަދި ރިސޯޓުތަކާއި ސިނާއީ ރަށްތަކުގައި ވޯޓު ފޮށި ބަހައްޓަނީ އެތަނެއްގައި ބަހައްޓާ ވޯޓު ފޮށްތަކަށް މަދުވެގެން 50 މީހުން ރީރަޖިސްޓްރީ ވުމުންނެވެ.

އީސީން ބުނީ ވޯޓު ފޮށި ނުބަހައްޓާ ތަންތަނަށް ރީރަޖިސްޓްރީވި މީހުން، މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެހެންތަނަކަށް ރީރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ. އަދި އެފުރުސަތު އީސީން މިހާރު ވަނީ ހުޅުވާލާފައެވެ.

މީގެ ކުރިން އީސީން ބުނެފައިވަނީ މަޖިލިސް އިންތިހާބުގައި ބަހައްޓާނީ 507 ފޮށި ކަމަށެވެ. ނަމަވެސް ބޭރުގެ ހަތަރު ތަނެއްގައި އަދި ހަ ރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓަން ނިންމުމުން، އިންތިހާބުގައި ބަހައްޓާނީ 497 ވޯޓުފޮށްޓެވެ. އެގޮތުން؛

  • މާލޭގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި 59 ފޮށި
  • މާލޭގައި އުޅޭ އަތޮޅު ތެރޭ މީހުން ވޯޓުލުމަށް މާލޭގައި 82 ފޮށި
  • އަތޮޅުތެރެ އާއި ސިޓީތަކުގައި 306 ފޮށި
  • ރިސޯޓުތަކުގައި 33 ފޮށި
  • ސިނާއީ ސަރަހައްދުތަކުގައި 4 ފޮށި
  • ޖަލުގައި 5 ފޮށި
  • ރާއްޖޭއިން ބޭރުގައި 8 ފޮށި.

އީސީން ބުނީ މި ފަހަރު ވޯޓުލާ އިރު ގިނަ އިރުވަންދެން ކިއުގައި މީހުން މަޑުނުކޮށް ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން 1000 އަށްވުރެ ގިނަ މީހުން ވޯޓުލުމަށް އެއް ފޮށީގައި ރަޖިސްޓްރީ ވެފައިވާނަމަ، ދެ ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. އަދި 1000 އާއި 600 ދެމެދު މީހުން އެއް ފޮށްޓަކަށް ވޯޓުލާނަމަ ދެ ކިއު އާއި ދެ ސްޓޭޝަން ގާއިމް ކުރެވޭނެ ކަމަށެވެ.