ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ އާއިލާގެ ގިނަ ބަޔަކަށް ފުލެޓް ދީފައިވާކަން ހާމަވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި މީރާގެ ކޮމިޝަނާ ޖެނެރަލް ކަމަށް އައްޔަން ކުރެވުނު ޔަޒީދުގެ އާއިލާގެ ފަސް މީހަކަށް ފުލެޓް ދީފައިވެއެވެ. އެގޮތުން ގއ ވިލިނގިލީ، ވައިޖެހޭގޭގެ ރަޖިސްޓްރީގައިވާ ޔަޒީދުގެ އާއިލާގެ ތެރެއިން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަސް މީހުންނަކީ ވެސް ހަމަ އެ އެޑްރެހުގައި ރަޖިސްޓްރީ އޮންނަ މީހުންނެވެ.
އެގޮތުން ފްލެޓް ލިބިފައިވާ މީހުންގެ ތެރޭގައި؛

  • ޔަޒީދާ މުހައްމަދު (98 ޕޮއިންޓް) ދަފްތަރު ކެޓަގަރީން
  • ޝަޒިއްޔާ މުހައްމަދު (85 ޕޮއިންޓް) ދަފްތަރު ކެޓަގަރީން
  • ޔަޒްނާ މުހައްމަދު (70 ފޮއިންޓް) 18-40 އަހަރުގެ ކެޓަގަރީން
  • މަޒީދު މުހައްމަދު (65 ފޮއިންޓް) 18-40 އަހަރުގެ ކެޓަގަރީން
  • ރިނާޒު އަބްދުﷲ (64 ޕޮއިންޓް) 18-40 އަހަރުގެ ކެޓަގަރީންނެވެ.

މީގެ ތެރެއިން ޝަޒިއްޔާ މުހައްމަދަަށް ފުލެޓް ލިބިފައިވަނީ އޭނާގެ ފިރިމީހާ އަލީ އިބްރާހިމް ދަފްރަތުގައި ރަޖިސްޓްރީ އޮތުމުންނެވެ. އެހެން ނަމަވެސް ޔަޒީދާ މުހައްމަދުގެ ދައީމީ އެޑްރެހަކީ ގއ ވިލިނގިލި ވައިޖެހޭގެ ކަމަށް ހައުސިން މިނިސްޓްރީން އާންމުކުރި ލިސްޓުން އެނގެން އެބައޮތެވެ.

މިދިޔަ ސަރުކާރުން ފްލެޓް ދިން މީހުންގެ ތެރޭގައި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ގިނަ ބަޔަކަށް ފުލެޓް ދިން ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. އޭގެ ތެރޭގައި އޭރުގެ ސަރުކާރުގެ ބައެއް ބޮޑުންނާ އެމީހުންނާ ގުޅުން އޮންނަ ފަރާތްތައް ހިމެނޭ ކަމަށް މިހާރުގެ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ފުލެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް، ފުލެޓް ހައްގުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފުލެޓް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމެޓީން ވެސް މީގެ ކުރިން ބުނެފައި ވަނީ، ކުރީގެ ސަރުކާރުން ރައްޔިތުންނަށް ފުލެޓް ދިނުމުގައި އިހުމާލު ވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އޭރުގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ފުލެޓު ދިނުމުގައި އޭރުގެ ސަރުކާރުން ކަނޑައެޅި އެއްވެސް މިންގަނޑަކާ ހިލާފުވެފައި ނުވާނެ ކަމަށެވެ.