ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ހައުސިން ޔުނިޓް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކާ ދެމެދު ކުރެވިފައިވާ މުއާމަލާތްތަކާ ބެހޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން ނުބަލާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

މިއަދު އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފައިސާގެ މުއާމަލާތްތަކާ ބެހޭ މައްސަލަ ބެލުމަކީ އެ ކޮމިޝަނުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްނުވާތީ، އެ މައްސަލަ ބަލަމުން ނުގެންދާކަމަށެވެ. އެ ފައިސާއާ ގުޅޭ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަވަނީ ބަލަމުން ކަމަށާއި މި މައްސަލައިގެ ތަހުގީގަށް އެ ކޮމިޝަނުން ފާހަގަކުރެވުނު ކަންތައްތަކުގެ ރިޕޯޓު ވާނީ 14 ޖަނަވަރީ ގައި ޕޮލިހަށް އަދި އެމަހުގެ 15 ވަނަ ދުވަހު ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް ފޮނުވާފައި ކަމަށެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސީ ލައިފް ކުންފުންޏާ ހަވާލު ކުރިއެވެ. އަދި އެ މަސައްކަތާ ގުޅިގެން ހައުސިން ޔުނިޓްތައް ވިއްކުމަށްޓަކައި ސީ ލައިފް ކުންފުނިން އާންމު ރައްޔިތުންގެ ބަޔަކު އަތުން ފައިސާ ނަގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުމާލެއިން ބިން ދޫކޮށް، އެމަސައްކަތް ސީ ލައިފް އާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމުގައި އެ ކުންފުންޏާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ކުރެވިފައިވާ މުއާމަލާތްތަކުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވޭތޯ އެ ކޮމިޝަނުން ގެންދަނީ ތަހްގީގުކުރަމުން ކަމަށް އޭސީސީ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.