ވަކި ފިކުރެއްގެ ގޮތުގައި ސެލެބްރިޓީއިން ޕްރޮމޯޓްކޮށްދިނުމަކީ މީހުން "މަގުފުރައްދާ"، މައިންބަފައިން ލައްވާ "ގަމާރު" ކަންކަން ކުރުވަން މަގުފަހިކުރާ ކަމެއް ކަމަށް، ޕޮޕްލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަންއާއި ބެހޭ ތަފާތު ޑޮކިއުމަންޓްރީއެއް ދާދިފަހުން ތައްޔާރުކުރި ޑައިރެކްޓާ ޑޭން ރީޑް ބުނެފިއެވެ.

"ލީވިންގް ނެވަލަންޑް"އާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި ރީޑް، އޭނާގެ މަސައްކަތް ދިފާއުކޮށް ވާހަކަދައްކަމުން ބުނީ، ބެލެނިވެރިން ކަންކަން ނިމާއިރު އެކަމަކާއި މެދު ދެފަހަރަކަށް ވިސްނާލުމަށް ހިތްވަރު ދިނުމަށާއި، ކޮންމެ ކޮންމެ ފަނުވެރިއަކު 'އައިޑަލް'އެއްގެ ގޮތުގައި ނުދެކުމަށް ވީހާވެސް ގިނަ ބަޔަކަށް ހިތްވަރު ދިނުމުގެ އުއްމީދުކުރާކަމަށެވެ.

"ލީވިންގް ނެވާލަންޑް" ޑޮކިއުމަންޓްރީ ބައިނަލްއަގުވާމީ ސަމާލުކަމަށް އައީ އެ ފިލްމުގައި ފެންނަ މަންޒަރުތަކާއި ދައްކާ ވާހަކަތަކުގެ ސަބަބުން، ފިލްމް ސްކްރީން ކުރިއިރު ނަފުސާނީ ސިއްހަތާއި ބެހޭ ތަޖުރިބާކާރުން "އަތުޖެހޭ ހިސާބެއްގައި" ބައިތިއްބަން ޖެހުމުންނެވެ.

ހަތަރު ގަޑިއިރަށް ދެމިގެންދިޔަ މި ޑޮކިއުމަންޓްރީ ފިލްމުގައި ފެނިގެންދަނީ މައިކަލް ޖެކްސަންގެ ފަރާތުން 1990ގެ އަހަރުތަކުގައި ޖިންސީ ގޯނާތަކެއް ލިބުނު (އޭރުގެ) ކުޑަކުދިންތަކެއްގެ ވާހަކަތަކެކެވެ.

2009 ވަނަ އަހަރު ކުއްލި ގޮތަކަށް މި ދުނިޔެއާއި ވަކިވެގެންދިޔަ މައިކަލް ޖެކްސަންގެ އެސްޓޭޓުން ދަނީ މި ދައުވާތަކާއި ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. އަދި މި ކަމަކީ ނާޖާއިޒު ފައިދާއެއް ނަގާ، ފައިސާގެ ބަދަލެއް ހޯދުމަށް ހިންގާ އަމަލެއްގެ ގޮތުގައިވެސް މައިކަލް ޖެކްސަންގެ އެސްޓޭޓުން ވަނީ ތުހުމަތުކޮށްފައެވެ.