ރޮބާޓް ސިލްވެސްޓާ ކެލީ ނުވަތަ މަޝްހޫރު ލަވަކިއުންތެރިޔާ އާރް ކެލީއާއި ދެކޮޅަށް ޖިންސީ ފުރައްސާރައާއި ގޯނާގެ 10 ދައުވާއެއް އުފުލައިފިއެވެ.

މި 10 މައްސަލައިގެ ތެރެއިން 9 މައްސަލައެއް ބުނާ ގޮތުން އާރް ކެލީގެ ޝިކާރައަކަށް ވެފައިވަނީ އުމުރުން 18 އަހަރުވެސް ނުފުރޭ ކުޑަކުދިންތަކެކެވެ.

މި ދައުވާތައް ބުނާ ގޮތުގައި އާރް ކެލީ ވަނީ އެމީހުންގެ ރުހުމަކާއި ނުލާ ޖިންސީ ފުރައްސަރައާއި އަނިޔާކޮށްފައެވެ.

މިހާތަނަށް އޭނާއާއި ދެކޮޅަށް އުފުލި ހުރިހާ ދައުވާއަކަށް އިންކާރުކޮށްފައިވާ އާރް ކެލީގެ މައްޗަށް ސަރިޔަތުން މިފަދަ މައްސަލައެއް ސާބިތުވެފައެއްވެސް ނުވެއެވެ.

އުމުރުން 52 އަހަރުގެ އާރް ކެލީ ހައްޔަރު ކުރުމަށް އަމުރު ނެރެފައިވަނިކޮށް، ޝިކާގޯގެ ފުލުހުންނާއި އާރް ކެލީ ވަނީ އަމިއްލައަށް ހަވާލުވެފައެވެ.

އާރް ކެލީގެ ވަކީލު ސްޓީވް ގްރީންބާގް ބުނީ އޭނާގެ ކްލަޔަންޓް ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި މާޔޫސްވެފައިކަމަށާއި، ނަމަވެސް، މިފަދަ ކުށެއް އޭނާ ކޮށްފައި ނުވާނެ ކަމަށް އޭނާ އަދިވެސް ބުނަމުންދާކަމަށެވެ.

އާރް ކެލީގެ ކުރީގެ އަނބިމީހާވެސް ވަނީ އޭނާއާއި ދެކޮޅަށް ޖިންސީ ފުރައްސާރައާއި ގޯނާގެ ވާހަކަތަކެއް ދައްކާފައެވެ.