ބޮލީވުޑް ފިލްމީ އުދަރެހުގެ އެންމެ އުހުގައި މިހާރު ފިޔަޖަހަމުން އަންނަ ތަރިއަކީ ދާދި ފަހުން ޒަވާޖީ ހަޔާތެއް ފަށާފައިވާ ރަންވީރު ސިންހޭ ދެންނެވުމުން ދެބަސްވާނެ މީހަކު މަދުވާނެއެވެ. އެފިލްމެއްގައި ރަންވީރު އުޅޭނަމަ އެއީ އަހަރުގެ ހިޓަށް އޮންނަނީވެފައެވެ. މީގެ އިތުރުން ގިނަ ބައެއްގެ ސަމާލުކަން ރަންވީރު ދަމަގަންނަ އަނެއް ސަބަބަކީ އޭނާގެ ޖެހިލުންކުޑަ ފެޝަނޭވެސް ދެންނެވިދާނެއެވެ.

ޝޯވއަކަށް ނޫނީ އިންޓަވިއުއަށް ރަންވީރު ތައްޔާރުވަމުންދާ ކަމުގެ ޚަބަރު ލިބުމާއިއެކު އެންމެ ފުރަތަމަ މިހާރު ވިސްނާލެވެނީ އޭނާ ލައިގެން ހުންނާނެ ހެދުމަކާއި މެދުގައެވެ. ކޮންމެ ފަހަރަކީވެސް މީޑިއާއާއި ފޭނުންނަށް ސިހުން ގެނުވާ ފަހަރެއްކަމުގައި އޮންނަނީ ވެފައެވެ.

މިމޭރުމުން ރަންވީރުގެ އިންސްޓަގްރާމް ފީޑު ގުގުމާލި އެއް ފަރުމާއަކީ މަނީޝް އަރޯރާގެ ފަރުމާއެކެވެ. ފުރަތަމަ ނަޒަރުން މި ޖެކެޓް ސިފަކުރެވެނީ ޕިކްސާގެ "މޮންސްޓާސް އިންކް" ގެ ސަލީއާއި ސެސަމީ ސްޓްރީޓްގެ ބިގްބާޑް ހައިބްރިޑެއްގެ ގޮތުގައެވެ. މުޅި ޖެކެޓްގެ އެކި ހިސާބުތަކުގައި އެކި ކަހަލަ ބެޖުވެސް ހަރުކޮށްފައި ހުއްޓެވެ. މި ޖެކެޓަކީ މަނީޝް އަރޯރާ، ރަންވީރަށް ތައްޔާރުކޮށްދިން ހާއްސަ ޖެކެޓެކެވެ. މީގެ 2 ވަނަ އޮރިޖިނަލް ޕީސްއެއް ދެން ނުލިބޭނެއެވެ.

މީގެ އިތުރުން "ގައްލީ ބޯއީ"ގެ ޕްރިމިއާގައި ރަންވީރު ލައިގެން ހުރި ހޮޓްޕިންކް ލެޕަޑް ޕްރިންޓް ބްލޭޒާއަކީވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދި ފަރުމާއެކެވެ. އެއީ ޓޮމް ފޯޑްގެ ފަރުމާއެކެވެ.

ފާޑުކިއާ ފަރާތްތަކުން ބުނާ ގޮތުގައި ރަންވީރުގެ ފެޝަނަކީ ގިނަ ބައެއްގެ ތައުރީފު އަހަންބޭނުންވެގެން އެނާ ކުރާ ކަމެކެވެ. އަދި މިހާ ދެކުންތެރިނުވިއަކަށް ރަންވީރަށް ވީސްކަމަށްވެސް ބަޔަކު ދަނީ ބުނަމުންނެވެ. ފާޑުކިއާ ފަރާތްތަކުން ދައްކާ ވާހަކަ ރަންވީރަށް އަޑުނީވޭ ފަދައެވެ. އޭނާ އެކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެކެވެ. އޭނާގެ އަމާޒަކީ ފިރިހެނުންގެ ހެދުން އެޅުމުގެ ފެޝަނަށް ބަދަލުތަކެއް ގެނެސްދިނުން ކަމަށް ރަންވީރު ދަނީ ބުނަމުންނެވެ.

ބުނެވޭ ގޮތުގައި އިންޑިއާގެ ފެޝަން އައިކަން ކަމުގައި ގިނަ ބަޔަކު ދެކެމުން އަންނަ ކަރަން ޖޯހަރުވެސް ވަނީ ރަންވީރުގެ ފެޝަން ބަލައިގެންފައެވެ.