ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސީނިޔާ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން، މިފްކޯ އަށް ބަދަލުކޮށް އެސްޓީއޯގެ އެހެން ދެ ޑިޕާޓްމަންޓެއްގެ ވެރިން ވަޒީފާއިން ވަކިކޮށްފިއެވެ.

އެސްޓީއޯގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އާޝާން މިފްކޯއަށް ބަދަލުކޮށްފައި ވަނީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށެވެ.

އާޝާން އެސްޓީއޯގައި މަސައްކަތް ކުރައްވަން ފެށްޓެވީ 1994 ވަނަ އަހަރު އެވެ. ހިއުމަން ރިސޯސް ޑިޕާޓްމެންޓްގެ ހެޑުގެ އިތުރުން ރީޖަނަލް ސޭލްސް ޑިޕާޓްމެންޓުގެ ހެޑުކަމާއި ކޮމްޕެނީ ސެކްރެޓަރީގެ މަގާމުގައި އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

އެސްޓީއޯގެ ވެރިންގެ ތެރެއިން ވަޒީފާ އިން ވަކިކޮށްފައި ވަނީ ޕްރޮކިޔުމެންޓް އެންޑް އެސެންޝިއަލް ގުޑްސް ޑިޕާޓްމެންޓުގެ ވެރިޔަކަށް ހުންނެވި ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު އާއި ސްޓޭޕްލް ފުޑްސް އެންޑް އެނާޖީ ޑިޕާޓްމެންޓްގެ ވެރިޔަކަށް ހުންނެވި ރަމްޒީ އަބޫބަކުރު ކަމަށް އެ ކުންފުނީގެ އޮފިޝަލެއް ވިދާޅުވިއެވެ.

ޝުޖާއު އަކީ 1998 ވަނަ އަހަރުން ފެށިގެން އެސްޓީއޯގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޕްރޮކިޔުމެންޓް އެންޑް އެސެންޝިއަލް ޑިޕާޓްމެންޓުގެ ހެޑަކަށް އައްޔަން ކުރުމުގެ ކުރިން ޝުޖާއު ހުންނެވީ އެސްޓީއޯގެ އައިޓީ ޑިޕާޓްމެންޓުގައެވެ.

ރަމްޒީ އަކީ މީގެ ކުރިން މިފްކޯގެ ސީީއީއޯ އަކަށް ވެސް ހުންނެވި ބޭފުޅެކެވެ. 20017 ވަނަ އަހަރު އެސްޓީއޯގައި މަސަތްކުރައްވަން ފެށްޓެވި ރަމްޒީ ވަނީ މެޑިކަލް އެންޑް މާކެޓިން އެންޑް ސޭލްސް ޑިޕާޓްމެންޓުގެ ހެޑުކަންވެސް ކުރައްވާފައެވެ.