ބަންގްލަދޭޝްގެ ތާރީހުގައިވެސް އެންމެ ދިގު މުއްދަތަކަށް އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމު ކަށަވަރު ކުރައްވާފައި ޝައިހު ހަސީނާ، އެ މަގާމުން "މުސްކުޅިވެވަޑައިގަންނަވާނެ" ކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.

މިހާރުވެސް ބޮޑުވަޒީރު ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ޝައިހު ހަސީނާ ވަނީ، ބޮޑުވަޒީރު ކަމުގެ މި ދައުރު ނިމުމާއެކު ޒުވާނުންނަށް ފުރުސަތު ދެއްވުމަށްޓަކައި ރިޓަޔާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އުމުރުފުޅުން 71 އަހަރުގެ ހަސީނާ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވަނީ ޖަރުމަނުވިލާތުގެ ބްރޯޑްކާސްޓަރެއް ކަމަށްވާ ޑީ.ޑަބްލިއުއަށް ދެއްވި ބަސްދީގަތުމެއްގައި ކަމަށް ބައިނަލްއަގުވާމީ ހަބަރުތައް ބުނެއެވެ.

މީގެ މަހެއްހާ ދުވަސްކުރިން ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގެ ހަތަރުވަނަ ދައުރަކާއި ހަވާލުވެވަޑައިގެންނެވި ޝައިހު ހަސީނާ ވިދާޅުވީ، މިއީ ވިދިވިދިގެން ބޮޑުވަޒީރު ކަމުގެ ދައުރަކާއި ކުރިމަތިލެއްވި ތިންވަނަ އަހަރު ކަމަށާއި، ޖުމުލަ ހަތަރު ދައުރަށްވާއިރު، އިތުރަށް ދެން ކުރިމަތިލައްވަން ގަސްތުނުކުރައްވާ ކަމަށެވެ. ކޮންމެ މީހަކީ ވެސް މިފަދަ ކަމަކުން ދުރުވެލަންޖެހޭނެ މީހެއް ކަމަށާއި، އެހެނީ ޒުވާން ލީޑަރުންނަށް ފުރުސަތު ލިބެން އޮތީ އެއިރުން ކަމަށްވެސް ޝައިހު ހަސީނާ ވަނީ ވިދާޅުވެފައެވެ.

ޝައިހު ހަސީނާއަކީ ބަންގްލަދޭޝްގެ ބާނީ މުޖީބުއްރަޙުމާންގެ ދަރިކަނބަލުންނެވެ.