ޗައިނާއާއި އެމެރިކާއާއި ދެމެދު އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށް އެމެރިކާގެ މަންދޫބު ރޮބާޓް ލައިތައިޒާ ވިދާޅުވެއްޖެއެވެ.

ލައިތާޒާ ވިދާޅުވީ ޗައިނާގެ ޓެކްނޮލޮޖީ އަމާޒުތަކާއި ގުޅިގެން ކުރިއަށްދިޔަ މަޝްވަރާތަކުގައި މުހިންމު ރޮނގުތަކަކުން ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަމަށެވެ. ނަމަވެސް ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފްގެ މިންވަރު މާޗް 2 ވަނަ ދުވަހު އިތުރު ކުރަން ނިންމާފައިވާ ނިންމުމަށް ބަދަލެއް އަންނަކަން ނުވަތަ ނޫންކަމެއް އެމެރިކާގެ މަންދޫބު ހާމަކުރައްވާފައެއް ނުވެއެވެ.

އެމެރިކާއާއި ޗައިނާއާއި ދެމެދު އުފެދިފައިވާ ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަށް ދެދުވަހުގެ މުއްދަތަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ މަޝްވަރާތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ މަންދޫބާއި ބައްދަލުކުރެއްވުމަށްފަހު ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވިދާޅުވީ، ބަވަނަވަންތަ އިގުތިސޯދު ކުރިއަރުވާ ހަމަޖެހުން ގެނައުމަށް އެމެރިކާއާއި ޗައިނާ އެކުގައި ހިއްސާކުރާ މަސްލަހަތުތަކެއް އެބައޮތްކަމަށެވެ. ލައިތައިޒާ ވިދާޅުވީ އަދިވެސް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރިކަމަށާއި ނަމަވެސް އުއްމީދު އެބައޮތް ކަމަށެވެ.

ޗައިނާއިން ތަންފީޒު ކުރަމުންދާ ސިނާއީ ބައެއް ސިޔާސަތުތަކަކީ ހުޅުވާލެވިފައިވާ މިނިވަން ވިޔަފާރީއެއް ކުރުމަށް އެމެރިކާއާއި ވިލާތުގެ އިތުރުން އަދިވެސް އެހެން ބައެއް ގައުމުތަކުގެ ސަރުކާރުން ކަންބޮޑުވާ ސިޔާސަތުތަކަށްއޮންނަނީ ވެފައެވެ.