ޕާކިސްތަނަކީ މުޅިން އެކަހެރިވެފައިވާ ގައުމެއް ކަމުގައި ކަށަވަރުކުރާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.

ޕާކިސްތާނާއި ދެކޮޅަށް އިންޑިއާއިން މިފަދަ ހަރުކަށި ރޫހެއްގައި ވާހަކަ ދައްކާފައި މިވަނީ، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް އަމާޒުކޮށް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއްގެ މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި އިންޑިއާގެ ޕެރަމިލިޓްރީ ފުލުހުންގެ 46 މީހެއްގެ ފުރާނަ ގެއްލުނު ހާދިސާއާއި ގުޅިގެންނެވެ.

އިންޑިއާއިން ބުނީ މި ހަމަލާގައި ޕާކިސްތާނުގެ ބައިވެރިވުން އޮތްކަމާއި މެދު ދެބަސްވެވެން ނެތް ވަރަށް ހެކި ލިބިފައިވާކަމަށެވެ. ނަމަވެސް އިންޑިއާއިން އެބުނާ ހެކިތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޕާކިސްތާނުގެ ފަސްގަނޑުގައި ހަރަކާތްތެރިވަމުންދާ ޖާއިޝީ މުހައްމަދުއޭ ކިއުނު ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ ހަނގުރާމަވެރިއަކު ދިން މި ހަމަލާއަށް ޕާކިސްތާނުން ދަނީ އިންކާރު ކުރަމުންނެވެ.

ބުރާސްފަތި ދުވަހުގެ މި ހަމަލާއަކީ ކައިރި މާޒީއެއްގައި އެ ސަރަހައްދުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

ޕާކިސްތާނުންވަނީ އިންޑިއާއަށް ލިބިފައިވާކަމަށް އެ ގައުމުން ބުނާ ހެކިތައް އާންމުކުރުމަށް ގޮވާލާ، މިމައްސަލައިގެ ތަހުގީގުގައި އެހީތެރިވެދޭނެ ކަމަށް ބުނެފައެވެ.

ކަންމިހެން އޮތްއިރު އިންޑިއާގެ ފެޑެރަލް މިނިސްޓަރެއް ކަމަށްވާ އަރޫން ޖައިތްލީ ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައުން ޕާކިސްތާނާއި އޮންނަ ހުރިހާ ގުޅުމެއް ކަނޑުވާލުމަށް ޑިޕްލޮމެޓިކް ފެންވަރުގައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އިންޑިއާއިން އަޅާނެ ކަމަށެވެ.

މުސްލިމުންގެ އާބާދީ ބޮޑު އަވަށެއްގެ ކާރަކަށް، ހިންދޫއިން ހަމަލާ ދީފައިވާއިރު އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުންވަނީ ހިންދޫއިންގެ މެޖޯރިޓީ އޮންނަ ޖައްމު ސިޓީގެ ބައެއް ސަރަހައްދުތަކުގައި މިހާރު ކާފިއުވެސް އިއުލާންކޮށްފައެވެ.

މުސްލިމުންގެ މެޖޯރިޓީ އޮންނަ ކަޝްމީރަކީ އެގައުމުގެ މިލްކެއް ކަމަށް އިންޑިއާއާއި ޕާކިސްތާނުންވެސް ވަކާލާތުކޮށް ގޮންޖަހަމުންދާއިރު، މި ދެގައުމުންވެސް އަންނަނީ ކަޝްމީރުގެ އެކި ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންނެވެ.