އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އެމެރިކާގެ އަސްކަރީ ސިފައިން އެ ގައުމުން ބާލަމުންދާނީ ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށް، ކޯޑިނޭޓްކޮށްގެން ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލު ހުންނެވި ޕެޓްރިކް ޝެނަހާން ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އެ ގައުމުން ބާލާނެ ކަމުގެ އިޝާރާތްތަކެއް އެމެރިކާއިން ކޮށްފައިވާއިރު، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ނޭޓޯގެ މެމްބަރު ގައުމުތަކުންވަނީ ކުއްލި ގޮތަކަށް އެމެރިކާ ސިފައިން އަފްޣާނިސްތާނު ދޫކޮށްލައިފިނަމަ ކުރިމަތިވެދާނެ މައްސަލަތަކެއްގެ ކަންބޮޑުވުންފާޅުކޮށްފައެވެ.

އެމެރިކާރިން ދަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން ތޯލިބާން ހަނގުރާމަވެރިންނާއިއެކު 2018 ވަނަ އަހަރުން ފެށިގެން މަޝްވަރާ ކުރަމުން ކަމަށްވާއިރު، މިއީ އަފްޣާނިސްތާނުގައި ކުރަމުންދާ 17 އަހަރުވީ ހަނގުރާމަ ނިމުމަކަށް އައުމުގެ އިޝާރާތެއް ކަމަށް ގިނަ ބަޔަކު ދަނީ ގަބޫލުކުރަމުންނެވެ.

ތޯލިބާން ހަނގުރާމަވެރިންނާއި އެމެރިކާއާއި ދެމެދު މިދިޔަ މަހު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާކަމަށް މި ދެފަރާތުން ބުނި ކަމުގައިވީނަމަވެސް، އަދިވެސް ހައްލު ނުލިބި ހުރި "ސިރިއަސް" މައްސަލަތަކެއް އެބަހުރި ކަމަށް ވިދާޅުވެ، މިމަޝްވަރާތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ހުޅަނގުގެ ބައެއް ޑިޕްލޮމެޓުން ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

ތޯލިބާނުންގެ ފަރާތުން ސުލްހަޔަށް ވަކާލާތު ކުރަމުންދާ ޓީމާއި އެމެރިކާގެ އޮފިޝަލުންނާއި ދެމެދު، ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދޫގައި މިމަހުގެ 18 ވަނަ ދުވަހުވެސް ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.