އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ތިންވަނަ ދުވަހު ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫއިން ބުނި ގޮތުގައި 2018 ވަނަ އަހަރުގެ ޖަލްސާ އޮންނާނީ މާޗު ތިނެއް ވާ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.

ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިވާ އިރު، ޖަލްސާގައި ކުރިއަށްދާނެ ކަންކަމަކީ މިދިޔަ އަހަރު އޮތް އަހަރީ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2018 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި، 2019 ވަނަ އަހަރަށް އޮޑިޓަރުންނާއި އޮޑިޓަރުންގެ އުޖޫރަ ކަނޑައެޅުމުގެ އިތުރުން 2018 ވަނަ އަހަރުގެ ޑިވިޑެންޑް ބަހާނެ ގޮތެއް ކަނޑައަޅައި، ފާސްކުރުން ހިމެނެއެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 8:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތުވެސް އެކުންފުނިން ވަނީ ހުޅުވާލާފައެވެ. އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން މާޗް ތިންވަނަ ދުވަހުގެ ރޭ 7:30 އާއި 8:30 އާ ދެމެދު ރަޖިސްޓާކުރުން އޮންނާނެއެވެ.