މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް ހަދާފައިވާ އެއްގަމު ތޮށީގެ ވަކި ސަރަހައްދެއް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން ޑިފެންސް މިނިސްޓްރީގެ ބޭނުމަށް ހާއްސަކޮށްފައިވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގުން ފެށިގެން ދޮށިމޭނާ ބިލްޑިންއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮށީގެ ސަރަހައްދެވެ.
ހައުސިން މިނިސްޓްރީން ވަނީ މިއަދުން ފެށިގެން އެ ސަރަހައްދުގެ އެއްގަމު ތޮއްޓަށް، ޑިފެންސް މިނިސްޓްރީގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމުގައި ބުނެފައެވެ.
މީގެ ކުރިން އުތުރު ފަރާތު ތޮށިގަނޑަކީ މުދާ އުފުލާ ދޯނިފަހަރާއި މުދާ ބާލާ އުޅަނދުފަހަރު ގާތްކުރާ ސަރަހައްދެއްކަމުން ވިޔަފާރިވެރިންނާއި އުޅަނދުފަހަރުގެ ވެރިން މި ބަދަލަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ބައެކެވެ.
