ސަރުކާރުން މަޝްރޫއުތައް ހިންގުމަށް ރާވާފައިވަނީ އެންމެ ހަރަދު ކުޑަކޮށް، އެންމެ ރަނގަޅަށް ކަން ކުރެވޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މާއެނބޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކުރައްވަން ކަމުގައި ވިދާޅުވިއެވެ. އަދި މާއެނބޫދޫއަށް ވަޑައިގެންނެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި، އެރަށު ރައްޔިތުންނަށް މިހާރަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބިންހިއްކުމުގެ މަޝްރޫއުގެ ޔަގީންކަން ދެއްވުން ކަމަށް ވިދާޅުވިއެވެ.

އަދި ހަަމަ އެހެންމެ އީއައިއޭ ފާސްވުމާއެކީގައި އަމަލީ ގޮތުން ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށާއި އެއާއެކު އެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް، ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަގީންކަން ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް އޭގެ ތެރެއިން ދެ ހެކްޓަރު ވަކިން، ވަކި ރަށެއްގެ ގޮތުގައި ހިއްކައިދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޮންސެޕްޓަކީ ކުރީގައި ހިނގާ ގޮތަށް ކަންކަން ގެންދިއުމެއް ނޫން. ކުރީގައި ފެށިފައިހުރި މަޝްރޫޢުތައް ފެށިފައިހުރީ ސަބްބޭސް އަޅާނީ ވަކި ކުންފުންޏަކުން، ޓަރފް އަޅާނީ ވަކި ކުންފުންޏަކުން، ލައިޓު ޖަހާނީ އެހެން ބަޔަކު، ރޮސްޓްރަމް ހަދަންޏާ ހަދާނީ އެހެން ބަޔަކު. އެގޮތަކަށް ނުކުރާނެ އަޅުގަނޑުމެންނެއް. އަޅުގަނޑުމެން އެކަން ކުރެވޭނެ އެންމެ ރަނގަޅުގޮތަށް ރާވާފަ، ސަރުކާރުގެ ކުންފުނިތަކުން އަދި ބަލްކުކޮށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޓުބޯޅަ ދަނޑުތަކާ ފުޓްސަލް ދަނޑުތަކާ ނެޓްބޯލް ދަނޑުތަކާ، މި ހުރިހާތާކަށް ބޭނުންވާ ފެންސް، ލައިޓް، މި ހުރިހާ އެއްޗެއް ގެނައުމުގެ ކަންތައްވެސް އެންމެ ހަރަދު ކުޑަކޮށް، އެންމެ އިފެކްޓިވްކޮށް ކުރެވޭގޮތަށް މިހާރު އެއޮތީ ރާވާފައި."
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އަދި ހަމައެހެންމެ ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު އިއްވި ރިޔާސީ ބަޔާނުގައި ދެންނެވި ފަދައިން، ހުރިހާ ރަށެއްގައިވެސް ހުއްޓިފައިހުރި މަސައްކަތްތައް އަލުންފެށިގެން ދާނެ ކަމަށާއި ފެބުރުއަރީ އަދި މާޗު މަހުގެ ތެރޭގައި އެ ވައުދު ފުއްދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރިޔާސީ އިންތިހާބުގައި، މާއެނބޫދޫގެ ތަރައްގީއަށް މައިގަނޑު ދެ ވައުދެއް ވެވަޑައިގެންފައިވާނެ ކަމަށާއި، އެ ގޮތުން، ބިންހިއްކުމާއި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ތައުލީމާއި ސިއްހަތުގެ ދާއިރާއިންވެސް ސަރުކާރުން އެކި މަޝްރޫއުތައް ކުރިއަށްގެންދަވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

‎އެ މަނިކުފާނުގެ ވާހަކަފުޅުގައި، ހެލްތު ސެންޓަރުގެ އެކްސްޓެންޝަންގެ މަސައްކަތް ފެށުނަސް، އެއީ އަދި އެއްބައި ކަމަށާއި އެއީ އިދާރީ ބައިކަން ފާހަގަކުރައްވައި، ސިއްހީ ހިދުމަތް ދިނުމުގައި އޮތް ޖާގައިގެ ދަތިކަން އަދިވެސް އެބައޮތް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ސިއްހީ ހިދުމަތް ދިނުމުގެ ބައިގައިވެސް، ޖާގައާއި ވަސީލަތް އިތުރުކުރަން ޖެހޭ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި މާއެނބޫދޫ ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގައާއި ވަސީލަތް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކައި، ހުއްޓިފައި ހުރި މަޝްރޫއުތައް، ނޫންނަމަ ރަނގަޅަށް ނުހިނގާ މަޝްރޫއުތަކުގެ މަސައްކަތްތައް ފެށިގެންދާއިރު، މާއެނބޫދޫގެ ފުޓުބޯޅަ ދަންޑަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވައި، އެ ރަށު ވޮލީކޯޓާއި ފިޓްނަސް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާއެނބޫދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ

‎އަދި ހަމަ އެހެންމެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންފައިވާ ފަދައިން ރާއްޖޭގެ ހުރިހާ ރަށެއްގައި، ވަސީލަތް ހަމަ ފިޓްނަސް ރިކްރިއޭޝަން ސެންޓަރުތަކާއި، އައުޓް ޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކު ނެތް ރަށްރަށުގައި ކުޑަކުދިންގެ ޕާކު، ދެ އަހަރުގެ ތެރެއަށް ބަހާލައިގެން ކުރައްވާނެ ކަމަށާއި، މުޅި ރާއްޖެއަށް ކަނޑައެޅި މި ސިޔާސަތުގެ ތެރެއިން މާއެނބޫދޫއަށް ބޭނުންވާ ތަރައްގީވެސް ހިމެނިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، އާރްޓީއެލްގެ ހިދުމަތް މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރައްވާނެ ކަމަށާއި ރަށްރަށަށް ދަތުރުކުރުމުގައި ގިނަ ވަގުތު ހޭދަކުރަންޖެހުންފަދަ ކަންކަން ހައްލުވެގެން އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިންޖީނުގޭގެ މައްސަލަތައް ވަށާޖެހޭގޮތަށް ހައްލުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ގޮތުން މި ރަމަޟާން މަސް ފެށެންވާއިރަށް ކޮންމެހެން އެންމެ އިސްކަމެއް ދީގެން ޖެންސެޓްތައް ހަމަކުރަންޖެހޭ ރަށްރަށަށް މިހާރު އައު ޖެންސެޓް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މާއެނބޫދޫގެ މައްސަލަ ހައްލުކުރުން އޭގެތެރޭގައި ހިމެނިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.