ދ. މާއެނބޫދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް 30 ހެކްޓަރުގެ ބިން އެ ރަށުން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާއެނބޫދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގަތް ގޮތަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެކަމަށެވެ.
އެ މަޝްރޫއުއާ ގުޅޭގޮތުން މިހާރު ކުރިއަށް ދަނީ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްތްތައްކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަނަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އެ މަސައްކަތް ކުރަމުން ދާއިރު، ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި އީއައިއޭގެ މަސައްކަތް ނިމޭނެ ކަމަށެވެ.
މިހާރު ވެސް މާއެނބޫދޫގައި އެމްޓީސީސީން ތިބީ އެ މަސައްކަތަށް ތައްޔާރުވެފައި ކަމަށާއި ވީއެންމެ އަވަހަކަށް މަސައްކަތް ފަށައި، ނިންމާލާނެ ކަމަުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އިތުރަށް ރައީސް ވިދާޅުވީ ހިއްކާ ބިމުގެ ތެރެއިން ދެ ހެކްޓަރު ބޭނުންކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ވަކި ރަށެއްގެ ގޮތުގައި ކަމަށެވެ.
ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވަނީ ރައްޔިތުން އެންމެ އިސްކަންދޭ ކަންކަމަށް ބަލައިގެން ކަމަށާއި އެރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު އާއި މަލްޓި ފާޕޯސް ހޯލުގެ މަސައްކަތް ވެސް ވަރަށް އަވަހަށް އަލުން ފެށޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް 70 ދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިންމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.