ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުއްﷲ ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރެއްގެ ފެންވަރަށް މަތިކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ފަޔާޒުގެ މަގާމު ސީނިއާ މިނިސްޓަރެއްގެ މަގާމަށް މަތިކުރެއްވީ މި ހަފްތާ ތެރޭ ކަމަށެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ ސީނިއާ މިނިސްޓަރުގެ ފެންވަރުގައި ބޭފުޅަކު އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އައްޔަންކުރެއްވި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ (އަދުރޭ) އެވެ.

ނަމަވެސް 20 ވަނަ މަޖިލީހުގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގެން، މަޖިލީހުގެ ރައީސްކަމާ އަބްދުއްރަހީމް ހަވާލުވެވަޑައިގެންނެވި ފަހުން ސީނިއާ މިނިސްޓަރުގެ ފެންވަރުގެ މަގާމެއްގައި އެހެން އެއްވެސް ބޭފުޅަކު ނުހުންނަވައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އޮފީހުގެ އިދާރީ އެންމެ އިސް މަގާމު ކަމަށްވާ ޗީފް އޮފް ސްޓާފްގެ މަގާމަށް ފަޔާޒު އައްޔަންކުރެއްވީ ވަޒީރެއްގެ ފެންވަރުގައެވެ.

ފަޔާޒަކީ ސަރުކާރުގެ ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައީސް އަބްދުއްﷲ ޔާމީންގެ ވެރިކަމުގައި ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ފަޔާޒު ވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ އިތުރުން ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ.

އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމު ވެސް އޭނާ ވަނީ ފުރައްވާފައެވެ.

ޗީފް އޮފް ސްޓާފްގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސްގެ އިރުޝާދުގެ މަތިން ރައީސް އޮފީހުގެ އެންމެހައި އިދާރީ މަސައްކަތްތައް ބެލެހެއްޓެވުމުގެ އެންމެ އިސް މަސްއޫލިއްޔަތު އުފުއްލަވާ ބޭފުޅާއެވެ.