ރައީސް އޮފީހުން މިއަދު ޓީވީއެމްގެ ސްޓޫޑިއޯގައި ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުމުގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ބައިވެރިވުމުން، އެ ބައްދަލުވުން އެތަނުގައި ނުފަށައި އެހެން ތަނަކަށް ބަދަލުކުރަން ނިންމައިފިއެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ދެއްވާ ގޮތަށް ހަމަޖެހިފައިވާ މި ޕްރެސް ކޮންފަރެންސް ފުރަތަމަ ތާވަލުކުރީ މިއަދު ހަވީރު 4:00 އަށް ޓީވީއެމްގެ ސްޓޫޑިއޯގައެވެ.

ނަން ފޮނުވައިގެން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ މި ބައްދަލުވުމަށް 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ދިޔުމުން، އެތަނުން ނުކުންނަން ރައީސް އޮފީހުން އެންގިއެވެ. ނަމަވެސް، ނޫސްވެރިންނަށް ލިބިދޭ ގާނޫނީ ހައްގުގެ ދަށުން ބައިވެރިވި ކަމަށް ބުނެ ލީވާން ވަނީ އެތަނުން ނުކުންނަން ދެކޮޅު ހަދާފައެވެ.

މި ހާދިސާއަށްފަހު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، ރައީސް އޮފީހުގެ ރަސްމީ މީޑިއާ ގްރޫޕުގައި 'އަދަދު' ނޫސް ނުހިމެނޭތީ، ރައީސް އޮފީހުން ބާއްވާ އެއްވެސް ބައްދަލުވުމެއްގައި އެ ނޫހަށް ބައިވެރިނުވެވޭނެ ކަމަށެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ 'އަދަދު' ނޫސް މީޑިއާ ގްރޫޕުން އުނިކުރީ ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް އެ ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅޭ ތަހުގީގެއް ކުރިއަށްދާތީއެވެ. އެ ނޫހަކީ "ޑްރާމާއާއި ފިލްމު ކުޅޭ، މީޑިއާގެ ތޮފި އަޅައިގެން އުޅޭ" ބައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

'އަދަދު' ނޫހުގެ ނޫސްވެރިޔާ ހޯލުން ނުނިކުތުމުގެ ސަބަބުން، ޓީވީއެމްއިން ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައި އޮތް ރަސްމީ ޕްރެސް ކޮންފަރެންސް ވަނީ ކެންސަލްކޮށްފައެވެ. އޭގެ ފަހުން އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ނުރަސްމީކޮށް، ނޫސްވެރިންނާއެކު ބޭއްވި ސައިބުއިމެއްގެ ތެރެއިންނެވެ.