ރ. މަޑުއްވަރީގެ މަގުމަތިން ބިދޭސީ އަންހެނަކަށް އަނިޔާކޮށް، އޭނާގެ އަތުން ފައިސާ ފޭރިގަތް މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށާއި، އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. ރޭ ފުލުހުން މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ 06:04 އެހައިކަންހާއިރު، ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެެދު މާރާމާރީ ހިންގައި އަދި އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ އަންހެން މީހާ މަގުމައްޗަށް ވައްޓާލުމަށްފަހު، ފިރިހެނަކު ވަނީ އޭނާގެ ގައިމައްޗަށް އަރާ، އަނގަމަތީގައި އަތްއަޅައި އަނިޔާކޮށް އިންޒާރުދީފައެވެ. އަދި އެ މަންޒަރު ވީޑިއޯ ކުރަމުންދިޔަ ފަރާތް ފެނުމުން، އެ ފިރިހެން މީހާ ވަނީ އަންހެން މީހާ ދޫކޮށްލުމަށްފަހު މަގުމައްޗަށް އުކާލެވިފައިވާ ފައިސާތައް ހޮވައިގެން އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާގައި ފޭރުނު އަންހެން މީހާއަކީ މަޑުއްވަރީގެ ކެފޭއެއްގައި މަސައްކަތްކުރާ އަންހެނެކެވެ. އަދި އޭނާ އަތުން ފޭރިގެންފައިވަނީ ހެނދުނު ކެފޭއަށް ދިޔަ ގަޑީގައި ބިދޭސީއެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ އާއި ގުޅިގެން އަދި ފުލުހުން މާ ބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.