ޕީއެންސީ ޒުވާން މެންބަރުންގެ މަޖިލީހަށް 7 މީހަކު އިންތިހާބުކޮށްފިއެވެ.
މިއަދު ހެނދުނު ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގެ ދަންފަޅީގެ ބައްދަލުވުމުގައި ވަނީ ޕާޓީގެ ޒުވާން މެންބަރުންގެ މަޖިލީހަށް ކުރިމަތިލެއްވި 13 މެންބަރުންގެ މެދުގައި ވޯޓު ނަގާފައެވެ. ޕީއެންސީ ޒުވާން މެންބަރުންގެ މަޖިލީހަށް އިންތިހާބު ކުރަނީ 7 މެންބަރުންނެވެ.
އެ ވޯޓުގައި ޖުމްލަ 1094 މީހުން ބައިވެރިވެފައިވާއިރު ވޯޓުލުމަށް ދީފައި ވަނީ 10 މިނެޓެވެ. ވޯޓު ލިބިފައިވާ ގޮތުގެ ތަފްސީލް:
- ސިމާނު ހާދީ - 881 (އެންމެ ގިނަ ވޯޓު)
- މަލްޝާ ޝަރީފް - 856 ވޯޓު
- އިބްރާހިމް އަޒްޔާން ނިމާލް - 857 ވޯޓު
- އިސްމާއިލް ރިފާއު - 850 ވޯޓު
- ހައްމާދު ރަޝީދު - 849 ވޯޓު
- ލުޖައިނު ﷲ ޒުހައިރު - 851 ވޯޓު
- މުހައްމަދު އަސީލް - 852 ވޯޓު
ޕީއެންސީގެ މަތީ މަޖިލީހުގެ 49 މަގާމަކަށް މީހުން އައްޔަނުކުރާނެ އެވެ. އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެ ޕާޓީގެ ވެރިކަމެއްގައި ނަމަ، ވެރިކަމުގައި ހުންނަވާ ބޭފުޅަކު މަތީމަޖިލީހަށް އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ. ވެރިކަމުގައި ހުރެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާއަކީ މަތީ މަޖިލީހުގެ މެންބަރެކެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަންހެން މެންބަރުންގެ މަޖިލީހަށް 10 ބޭފުޅުން އިންތިހާބުކޮށްފައިވާއިރު ޕީއެންސީގެ ނައިބު ރައީސްކަމަށްވެސް 6 ބޭފުޅަކު އިންތިހާބުކޮށްފައި ވެއެވެ.
އެގޮތުން އެ މަގާމަށް ހޮވުނީ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. އަދި ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ އިތުރުން މިނިސްޓަރު ޝިޔާމް ވެސް ވަނީ އިންތިހާބުވެވަޑައިގެންފައެވެ.
އިއްޔެ ހެނދުނުން ފެށިގެން ޕީއެންސީ ކޮންގްރެސްގެ އެކި ހަރަކާތްތައް ފަށާފައިވާއިރު، މިއަދު ކުރިއަށްދަނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި 1،300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
