ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތުގެ ނޫރު ލިބުނުތާ ހިޖުރީ ގޮތުން 900 އަހަރު ފުރުމަކީ ދިވެހި ތާރީހުގައި ފާހަގަކުރެވޭ އެންމެ ފަހުރުވެރި އަދި އެންމެ ނަސީބުވެރި މުނާސަބަތު ކަމަށާއި، އިސްލާމްދީނަކީ ދިވެހީންގެ ދެދުނިޔޭގެ ބާއްޖަވެރިކަން ކަށަވަރުކޮށްދިން މަތިވެރި ރަހްމަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި ތާރީހީ މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ފަރުދީ ފެންވަރުގައާއި ގައުމީ ފެންވަރުގައި ތަފާތު އަހަރުފުރުންތައް ފާހަގަކުރި ނަމަވެސް، މިއަދު މި ފާހަގަކުރާ ފަދަ މަތިވެރި އުފަލެއް ދިވެހީންގެ ތާރީހުގައި ދެކެފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އެއީ، ބާތިލު ޝިރުކުގެ ބޯ ޖަންގަލީން ދިވެހީން ނެރެދީ، ހައްގާއި ހިދާޔަތުގެ ތަނަވަސް މައިދާނަށް ގެނެސްދިނީ އިސްލާމްދީން ކަމަށްވާތީ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ވޭތުވެދިޔަ 900 އަހަރު ދެމިއޮތުމުގެ ޝަރަފުވެރިކަން އެގޮތުގައި ދެމެހެއްޓުމަށް ދިވެހި ކޮންމެ ރައްޔިތެއްގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އިސްލާމީ ޝަރީއަތުގެ މައިގަނޑު އަސާސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިސްލާމްދީން ގެނެސްދިން އެންމެ ފުރަތަމަ ރައްކާތެރިކަމަކީ ދީން ރައްކާތެރިކުރުން ކަމަށެވެ. އެގޮތުން ހިރިގަލަށް އަޅުކަންކޮށް، މީހުން މެދުވެރިކޮށްގެން ކަލާނގެއާ ގުޅުން އޮތް ބާތިލު ސަގާފަތް ފޮހެލައި، ހާލިގުވަންތަ ﷲ އާ ސީދާ ގުޅުން ގާއިމުކުރުމުގެ ރޫޙާނީ ތާހިރުކަމާއި އިޖުތިމާއީ ހަމަހަމަކަން އިސްލާމްދީނުން ގެނެސްދިން ކަމުގައި ވިދާޅުވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އިންސާނީ ފުރާނައިގެ ރައްކާތެރިކަމެވެ. އިސްލާމްދީނުގެ ކުރިން ދީނުގެ ނަމުގައި އިންސާނުން ގުރުބާންކުރުން ފަދަ ލާއިންސާނީ ކަންކަން ހިނގި ނަމަވެސް، ކޮންމެ އިންސާނެއްގެ ދިރިހުރުމުގެ ހައްގާއި ލޭގެ ހުރުމަތް ކަށަވަރުކޮށް ދިނީ އިސްލާމްދީން ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން ދިވެހީންނަކީ ހިތްހެޔޮ، އޯގާތެރި ބައެއްގެ ގޮތުގައި ބޭރު ދުނިޔެއަށް މަޝްހޫރުވެގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އިސްލާމްދީން ގެނެސްދިން ތިންވަނަ ރައްކާތެރިކަމަކީ ބުއްދީގެ ރައްކާތެރިކަން ކަމުގައި ބަޔާންކުރައްވަމުން، މަސްތުވާތަކެތި ހަރާމްކުރައްވާފައި ވަނީ އޭގެ ސަބަބުން މުޅި މުޖުތަމަޢު ފަސާދަވެ، ކުށްތަކަށް އަރައިގަނެ، ގައުމުގެ އުފެއްދުންތެރިކަން ގެއްލިގެންދާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބުއްދީގެ ރައްކާތެރިކަން ލިބުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހީންނަކީ އީޖާދީ، ވިސްނުންތެރި، އަދި ވަޑާމާއި އިމާރާތްކުރުމުގައި ކުޅަދާނަ ބަޔަކަށް ވެގެންދިޔަ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ދިވެހި ގައުމު އަބަދުވެސް ކުރިއަށްދާނީ އިސްލާމްދީނުގެ މަތިވެރި ހިޔަލުގައި ކަމަށާއި، މި މާތް ދީނަކީ އިންސާނާގެ އަބުރާއި އިއްޒަތް ހިމާޔަތްކޮށްދޭ އެންމެ ވަރުގަދަ އައްޑަނަ ކަމަށް ރައީސް ވިދާޅުވިއެވެ.
