ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ގާއިމުކުރި ހޮޓްލައިނަށް މިހާތަނަށް 65 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އާންމުކޮށްފައިފާ ބަޔާނެއްގައި ފުލުހުން ބުނީ، ކަމާބެހޭ ހާއްސަ ޓާސްކްފޯހާ ގުޅުންހުރި މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 27 ބިދޭސީއެއްގެ މައުލޫމާތާއި، ހުއްދައާ ނުލައި ޑޮލަރު މާރުކުރާ 18 ތަނެއްގެ އިތުރުން، ބޮޑުއަގުގައި ޑޮލަރު ވިއްކާ 4 ތަނެއްގެ މައުލޫމާތުކަމަށެވެ. މީގެއިތުރުން، ގަވާއިދާ ހިލާފަށް ފައިސާގެ މުއާމަލާތް ހިންގާ އޮންލައިން 16 ޕްލެޓްފޯމެއްގެ މައުލޫމާތުވެސް މި ހޮޓްލައިން މެދުވެރިކޮށް ވަނީ ލިބިފައެވެ.

މި މައުލޫމާތުތަކާ ގުޅިގެން ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގެ ތެރެއިން، މިހާތަނަށް އެއް ބިދޭސީއަކު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ރިޕޯޓުކޮށްފައިވާ އެހެނިހެން މީހުންނާއި ތަންތަނުގެ މައުލޫމާތުތައް އިތުރަށް ކަށަވަރުކޮށް، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

ގައުމީ އަދި އާންމު މަސްލަހަތާ ގުޅިފައިވާ މިފަދަ ބޮޑެތި މައްސަލަތައް ފާހަގަކޮށް، ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމަށް ފުލުހުން ވަނީ އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.