މާލެ ސަރަހައްދުން ވޭތުވެދިޔަ ހަފްތާގައި ހިމަބިހި (މީސްލްސް) ގެ 12 ކޭސް ފެނިފައިވާ ކަމަށާއި، މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 264 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ބަލިން ރައްކާތެރިވުމަށް މިހާތަނަށް 16,320 މީހަކަށް ވަނީ ހިމަބިހި ވެކްސިން ދީފައެވެ.

ވޭތުވެދިޔަ މަސްތަކުގައި މާލެ ސަރަހައްދުން ރިޕޯޓްކުރި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ހިމަބިހީގެ ކޭސްތައް ފެނިފައި ވަނީ ޖޫން މަހުގެ ފަހުކޮޅުގައެވެ. އެގޮތުން ޖޫން 23 އިން 29 އަށް 44 ކޭސް އަދި ޖޫން 30 އިން ޖުލައި 6 އަށް 55 ކޭސް ރިޕޯޓްކޮށްފައި ވެއެވެ. އޭގެ ފަހުން ޖުލައި މަހާއި އޮގަސްޓް މަހުގެ ތެރޭގައި ކޭސްތަކުގެ އަދަދު ކޮންމެވެސް ވަރަކަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން:

  • ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ލަސްނުކޮށް ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރުން.
  • ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާނަމަ ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖެހުން.
  • ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމާއި، ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުން.
  • ސިއްހީ ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން.

މީގެއިތުރުން، ބަލިތަކާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ފެތުރުން ހުއްޓުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ރަސްމީ ވަސީލަތްތަކުން ފޯރުކޮށްދޭ މަޢުލޫމާތަށް ބަރޯސާވުމަށް ވެސް އެޗްޕީއޭ އިން ވަނީ އާންމުންނަށް ހަނދާންކޮށްދީފައެވެ.