މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި މޯބައިލް ފޯނެއް ވަގަށް ނަގައިގެން ރާއްޖެއިން ފުރަން އުޅުނު ސްރީ ލަންކާގެ ރައްޔިތަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ފިހާރައިގައި މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 41 އަހަރުގެ ޗަންދްރެސްކަރަން އެންތޮނީއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު މަރުހަލާއަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާ ވަގަށް ނަގާފައިވަނީ ފިހާރައިގެ އެ ދުވަހުގެ ސޭލްސް ފައިސާގެ ގޮތުގައި ލިބުނު 25،000 ރުފިޔާއާއި ފޯނެކެވެ. މިއީ އޭނާ ކުރި ކަމެއްކަން ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކުންނާ، ފިހާރައިގެ އެހެން މުވައްޒަފުންގެ ބަޔާންތަކުން އެނގޭކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭނާ ރާއްޖެއިން ފުރަން ނަގާފައިވާ ފްލައިޓް ޓިކެޓުވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

ނަމަވެސް، ކޯޓުގައި އޭނާ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ ހާދިސާ ހިނގުމުގެ 10 ދުވަސް ކުރިން ވަޒީފާއިން ވަކިވެފައިވާ ކަމަށާއި، ވައްކަން ކުރި ވަގުތު ހުރީ އެހެން ތަނެއްގައި ކަމަށެވެ.