ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ ތެލާއި ގޭހާއި މައުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ 2026 އޯގަސްޓް 30 ވީ އާދީއްތަ ދުވަހު ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެންކަމަށެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާ ގުޅިގެން، ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޓަކައި، ފިޝަރީޒް މިނިސްޓްރީއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފެއްޓެވުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން މި ސިނާއަތް ހަރުދަނާކޮށް ރާވައި ހިންގުމުގެ ގޮތުން ހާއްސަ ބިލެއް ފަރުމާކުރުމަށް ނިންމާފައިވާކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ މި ބިލުގެ ތެރެއިން ހިމެނޭނެ މުހިންމު ކަންކަމުގެ ތެރޭގައި ދިރުންނެތް ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމުގެ ނިޒާމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުން ހިމެނޭކަމަށެވެ.

މިކަންކަމާ ގުޅޭ އިދާރީ އަދި އިގުތިސާދީ އުސޫލުތައް ވެސް އެކުލަވާލުން ހިމެނޭކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ މި ނިންމެވުމާއެކު، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ އިގުތިސާދީ މުއްސަނދިކަން ދެނެގަތުމަށާއި، އެ ވަސީލަތްތަކުގެ ފައިދާ ގައުމަށް ހޯދައިދިނުމަށް ޓަކައި ކުރަންޖެހޭ ގާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ރަސްމީކޮށް ފެށިފައިވާކަމަށެވެ.