ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ އިންތިހާބު މި މަހުގެ 27 ވަނަ ދުވަހަށް ފަސް ކުރަން އެ ކޯލިޝަނުން ނިންމައިފިއެވެ.

މި އިންތިހާބަކީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ކޯލިޝަންގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓޫން ކަނޑައެޅުމަށް ބާއްވާ އިންތިހާބެކެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެ ކޯލިޝަންގެ ޕްރައިމަރީގައި ވޯޓު ލެވޭ މެންބަރުންގެ ލިސްޓް ޕީއެންސީގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ވޯޓު ލެވޭ މީހުންގެ ލިސްޓުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ، އެ މައްސަލައިގެ ތަފްސީލާއެކު ލިޔުމުން އަންނަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ޕީއެންސީ އޮފީސް (ސީ ޓްރެކް ބިލްޑިން 7 ވަނަ ފަންގިފިލާ) އަށް ނުވަތަ [email protected] އަށް ފޮނުއްވައި ދިނުމަށް އެދިފައެވެ. އަދި އެ ތާރީހްގެ ފަހުން ފޮނުވާ އެއްވެސް ޝަކުވާއެއް ބަލައިނުގަނެވޭނެ ކަމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރޯމަޟާން މަހުގެ 6 ވަނަ ދުވަހެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާނީ މި މަހުގެ 30 އިން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެއެވެ. އީސީއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވެއެވެ. އެއީ އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.