އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އާއިލީ ނަން "މޯދީ" ކިޔާ އެންމެންނަކީ ވަގުން ކަމަށް އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހޫލް ގާނދީ ވިދާޅުވި މައްސައިގައި 2 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ބާތިލް ކުރުމަށް ސޫރަތުގެ ކޯޓަކަށް ހުށަހެޅުމުން ވަނީ ބޭރުކޮށްލާފައެވެ.
މި ހުކުމާއެކު ރާހޫލް އަށް އަންނަ ރިޔާސީ އިންތިހާބު ގެއްލިދާނެ ކަމަށް ލަފާ ކުރެވޭ އިރު، އެކަން ޔަގީން ވާނީ އިސްތިއުނާފުގެ ހުރިހާ މަރުހަލާއަކުން އެ މައްސަލަ އޭނާ އަށް ކާމިޔާބު ނުވެއްޖެ ނަމައެވެ.
ސޫރަތު ކޯޓުގެ ނިންމުމާ ގުޅިގެން ރާހޫލްގެ ވަކީލު ކިރިތް ޕާންވާލާ ބުނެފައި ވަނީ، އެ މައްސަލަ ގުރުޖާތުގެ ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
މޯދީ އަށް ވަގަށް ގޮވި މައްސަލައިގައި ރާހޫލްގެ ގޮނޑި ވަނީ ގެއްލިފައެވެ. އިންޑިއާގެ ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރެއްގައި ވާ ގޮތުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ކުށެއް ސާބިތުގެ 2 އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފިނަމަ ގޮނޑި ގެއްލޭނެއެވެ.
ރާހޫލްގެ ގޮނޑި ގެއްލުނު މައްސަލައިގައި ކޮންގްރެސް ޕާތީން ބުނެފައި ވަނީ ރާހޫލްގެ ގޮނޑި ގެއްލުވާލީ ސިޔާސީ ގޮތުން ބީޖޭޕީން ކަމަށެވެ. ނަމަވެސް ވެރިކަން ކުރާ ބީޖޭޕީން ވަނީ އެކަން ދޮގުކޮށް ރާހޫލްގެ ގޮނޑި ގެއްލުނީ ކޯޓު މަރުހަލާގެ ތެރެއިން ކުށް ސާބިތުވުމުން ކަމަށެވެ.
ރާހޫލްގެ މައްޗަށް ދައުވަ އުފުލި މައްސަލައަކީ، 2019 ވަނަ އަހަރު އޮތް ކަރުނާޓަކާ އިންތިހާބުގެ ކެމްޕެއިންގައި ވާހަކަ ދައްކަވަމުން މޯދީ ކިޔާ އެންމެންނަކީ ވަގުން ކަމަށް ދޭހަވާ ގޮތަށް މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް އަމާޒު ކުރައްވާ ވާހަކަ ދެއްކެވި މައްސަލައެކެވެ. ރާހޫލްގެ އެ ކޮމެންޓް ނުވަތަ އެ ފާޑުކިޔުން ދިފާއު ކުރުމަށް އެ ޕާޓީގެ މެންބަރުން ދައްކާ ވާހަކަ އަކީ، ޑައިމަންޑް ވިޔަފާރީގައި ބިލިއަނަރަކަށް ވި ނިރާވް މޯދީ އާއި އިންޑިއާގެ ޕްރިމިއާ ލީގްގެ ކުރީގެ ޗީފް ލަލިތް މޯދީ އެގައުމުގެ ކުރިކެޓް ބޯޑުން އުމުރަށް ސަސްޕެންޑް ކުރި ވާހަކަ އަށް އިޝާރާތް ކުރައްވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާ ކުރި ބީޖޭޕީގެ ލޯޔަރު ޕުރްނޭޝް މޯދީ ބުނީ، ރާހޫލް "މޯދީ" އަކީ ވަގުން ކަމަށް ސިފަ ކުރެއްވުމުން އެ ރައްދުވަނީ މުޅި އިންޑިއާއަށް ނިސްބަތްވާ ހުރިހާ "މޯދީ" އަކަށް ކަމަށާއި އޭގެ ތެރޭގައި ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ހިމެނިވަޑަިގަންނަވާ ކަމަށެވެ.
ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުން އިންޑިއާގައި މިހާރު އެންމެ މަގުބޫލު ޕާޓީއަކީ ބީޖޭޕީއެވެ. ގާނޫނު ހަދާ މަޖިލީހުގައި ބީޖޭޕީން 303 ގޮނޑި (37.7 ޕަސެންޓް) ކޮންޓްރޯލް ކުރާ އިރު ކޮންގްރެސްގެ އަތުގައި އޮތީ 52 ގޮނޑި (19.7 ޕަސެންޓް) އެވެ. މި ފަހުން ބޭއްވި ސަރަހައްދީ ގިނަ އިންތިހާބުތަކުގައި ވެސް މެޖޯރިޓީ ހޯދާފައި ވަނީ ބީޖޭޕީންނެވެ. އެއާއެކު މިހާރު ކޯލިޝަން ބައިވެރިންނާއެކު ގާނޫނު ހަދާ މަޖިލީހުގައި ބީޖޭޕީން 353 ގޮނޑި ކޮންޓްރޯލް ކުރާ އިރު ކޯލިޝަން ބައިވެރިންނާއެކު ކޮންގްރެސް ކޮންޓްރޯލް ކުރަނީ 91 ގޮނޑިއެވެ.