މާލޭގެ މއ. ދޫގަސް ގޭގައި ގޭސްފުޅިއެއް ގޮވާ ހިނގި ހާދިސާއާއި ގުޅިގެން 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނީ މި އަލިފާނުގެ ހާދިސާގައި އެންޑީއެމްއޭގެ އިމްޖެންސީ މެނޭޖްމެންޓު ޓީމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
އެންޑީއެމްއޭ އިން ބުނީ މި ހާދިސާގައި ފުރަތަމަ އަލިފާން ރޯވެފައިވަނީ މއ. ދޫގަސްވިލާގޭގައިކަމަށާއި، މި ހާދިސާގައި 5 ކޮޓަރިއެއްގައި ދިރިއުޅެމުން ދިޔަ 15 ބިދޭސީން ވަނީ ރައްކާތެރިކަމާއެކު އިވެކުއޭޓުކުރެވިފައިކަމަށެވެ.
އެންޑީއެމްއޭއިން ބުނީ އިންވެގެން ހުރި އިމާރާތުގެ ފެނުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން މި އިމާރާތުގައި ދިރިއުޅޭ 26 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާއި، އަލިފާން ރޯވި އިމާރާތުގެ އިތުރުން އެއާ އިން ވެގެން ހުރި އިމާރާތުގައި ދިރިއުޅޭ ޖުމުލަ 41 ފަރާތަކަށް މި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާކަމަށެވެ.
މި ހުރިހާ ފަރާތްތަކެއް ވެސް ރައްކާތެރިކަމާއެކު އިވެކުއޭޓުކުރެވިފައިވާކަން ފާހަގަކޮށް އެންޑީއެމްއޭ އިން ބުނީ މި ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
މީގެއިތުރުން ބިދޭސީންނަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ހަމަޖެއްސުމަށް ޓަކައި އެ ފަރާތްތަކުންގެ ސްޕޮންސަރުންނާ ގުޅާ ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އެންގިފައިވާކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
އެންޑީއެމްއޭ އިން ބުނީ އަލިފާން ރޯވި އިމާރާތުގައި ދިރިއުޅުނު 4 މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށާއި އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދާކަމަށެވެ. އަދި ދެން ތިބި 3 މީހުންނަށް އަލިފާނުގެ ސަބަބުން އެކި ވަރުގެ ފިހުމުގެ އަނިޔާ ލިބިފައިވާކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
އެންޑީއެމްއޭ އިން ބުނީ މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އިންޑިއާގެ 3 ރައްޔިތުންނާ، ސްރީލަންކާގެ ރައްޔިތަކަށް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ފަތިހު 5:27 އެހައިކަންހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ޓަކައި ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
