މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު 10 ކޭސް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރުން ފެށިގެން ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ނަމަވެސް އަނެއްކާވެސް ހިމަބިހީގެ ކޭސްތަކެއް ފެނި ބަލި ޖެހެމުންދާ މީހުން ދަނީ އިތުރުވަމުންނެވެ. އަދި ހާއްސަކޮށް ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ހިމަބިހީގެ ކޭސްތައް އިތުރު ވަމުންދާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދަނީ ފެންނަމުންނެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 10 ކޭސް ފެނިފައިވެ އެވެ. މިއާއެކު މިއަހަރު ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދުވަނީ 226 އަށް އަރާފަ އެވެ.

މެއި މަހުން ފެށިގެން ރާއްޖެ އިން ހިމަބިހީގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދާދި ފަހުން މުޅި ރާއްޖޭގައި ވަނީ އެމްއާރް ވެކްސިން ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. އެގޮތުން މިހާތަނަށް 15،552 މީހަކަށް ވެކްސިން ދީފައިވެ އެވެ.

"މީސްލްސް" ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ މި ބައްޔަކީ ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބަލިޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކު އުޅޭ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކުރުމަކީ އެންމެ މުހިންމު ފިޔަވަޅުކަމަށް ސިއްހީ އިދާރާތަކުން ފާހަގަކުރެއެވެ.

އަވަށްޓެރި އިންޑިޔާ އަދި ބަންގްލަދޭޝްގައިވެސް ހިމަބިހި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.