ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ގެ 5 ކޭސް ފެނިފައިވާ ކަމަށާއި، މި އަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 269 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ބަލިން ރައްކާތެރިވުމަށް ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 16،368 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން ރިޕޯޓްކުރި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ޖޫން މަހުގެ ފަހުކޮޅުގައެވެ. އެގޮތުން ޖޫން 23 އިން ޖޫން 29 އަށް 44 ކޭސް އަދި ޖޫން 30 އިން ޖުލައި 6 އަށް ރެކޯޑް އަދަދަކަށް ކަމަށްވާ 55 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
ޖުލައި މަހުގެ ތެރޭގައި ވެސް ހަފްތާއަކު އެވްރެޖްކޮށް 20 އަށް ވުރެ ގިނަ ކޭސް ފެނިފައިވީ ނަމަވެސް، އޮގަސްޓް މަހުން ފެށިގެން މި އަދަދުތައް ވަނީ ދަށްވާން ފަށާފައެވެ. އެގޮތުން ސެޕްޓެމްބަރު 1 އިން 7 އަށް 12 ކޭސް ރިޕޯޓްކޮށްފައިވާއިރު، ސެޕްޓެމްބަރު 8 އިން 14 އަށް ރިޕޯޓްކޮށްފައި ވަނީ 5 ކޭސްއެވެ.
ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ފަސޭހައިން ފެތުރޭ ނުރައްކާތެރި ބައްޔަކަށް ވާތީ، މި ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރުމަށް ވަނީ އެދިފައެވެ. އަދި ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ ފަރާތްތަކުން، ވެކްސިން ފުރިހަމަކޮށްފައި ނުވާނަމަ ލަސްނުކޮށް ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖެހުމަށް ވެސް އިރުޝާދު ދީފައިވެއެވެ.
މީގެއިތުރުން، ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށް ވެސް ވަނީ އަންގާފައެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައި ވަނީ، މިފަދަ ބަލިތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމުގެ ބަދަލުގައި، މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކުން ފޯރުކޮށްދޭ މައުލޫމާތަށް ބަރޯސާވުމަކީ މުހިންމު ކަމެއް ކަމަށެވެ.
