އިނގިރޭސިވިލާތުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަބޫ ތައިމިއްޔާ، މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯއްދަވާފައިވާ ޝައިހް އަބޫ ތައިމިއްޔާ ރާއްޖެ ވަޑައިގަންނަވަނީ މަހަލްދީބް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން 9 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އެންލައިޓްން" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ދީނީ އަދި ތައުލީމީ ހަރަކާތްތައް ހާއްސަކޮށްފައިވަނީ ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށެވެ. އަދި މި ދަތުރުފުޅުގައި މާލޭ ސިޓީގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައިވެސް ތަފާތު ޕްރޮގްރާމްތައް ބޭއްވުމަށް ވަނީ ރޭވިފައެވެ.

މި ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވަނީ މާލެއިންނެވެ. މިގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާ ސެޝަންތަކާ، އާންމު ދަރުސަކާ، ހުކުރު ހުތުބާ ދިނުމުގެ އިތުރުން ޒުވާނުންގެ ކުޅިވަރު ހަރަކާތްތަކެއް އޮންނާނެއެވެ. މީގެ އިތުރުން އަންހެނުންނަށް ހާއްސަ ސެޝަނަކާ، ޔުނިވާސިޓީ އަދި ސްކޫލް ދަރިވަރުންނަށް ހާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕޮޑްކާސްޓް ރެކޯޑިންތަކާ، ދިވެހި އިލްމުވެރިންނާއެކު ބާއްވާ ބައްދަލުވުމެއްވެސް ހިމެނެއެވެ.

އައްޑޫ ސިޓީ މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ހަރާކާތްތަކުގެ ތެރޭގައި އައްޑޫ ހައި ސްކޫލަށް ޒިޔާރަތްކުރެއްވުމާއި، ސްކޫލްތަކުގެ ވެރިންނާއި ދަރިވަރުންނާ ބައްދަލުކުރެއްވުން އޮންނާނެއެވެ. އަދި އައްޑޫ ސިޓީ ކައުންސިލުގެ އެހީތެރިކަމާއެކު އާންމު ދަރުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލައް ސިޓީ މި މަހުގެ 25 ދުވަހު ބާއްވާ ހަރަކާތުގައި ސްކޫލް ސެޝަނަކާ، ޒުވާނުންނާ ބައްދަލުކުރުމުގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އާންމު ދަރުސެއް އޮންނާނެއެވެ. އަދި ފުވައްމުލަކުގައި ފަތުރުވެރިކަމުގެ ތަޖުރިބާތަކާއި ފެތުމުގެ ހަރަކާތްތަކަށް ހާއްސަ ދުވަހެއް ހޭދަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޝައިހް އަބޫ ތައިމިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީ އޮގަސްޓު 27، ގައެވެ.

މަހަލްދީބް ފައުންޑޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތް ކުރިއަށްގެންދިއުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ތައުލީމީ ވުޒާރާ، އިސްލާމިކް ޔުނިވާސިޓީ، ގައުމީ ޔުނިވާސިޓީ އަދި އައްޑޫ އާއި ފުވައްމުލައް ސިޓީ ކައުންސިލް ފަދަ މުއައްސަސާތަކުގެ ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ.