ސަރުކާރު ހިއްސާވާ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ސިޔާސީ ފިކުރަށް ބަލައިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ވަނީ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް އިންޒާރުދީ، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ މުވައްޒަފަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ނުވަތަ ފާޅުކުރާ ހިޔާލަކަށް ބަލައި ވަޒީފާއިން ވަކިކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، މާލީ ވުޒާރާއިންވެސް އެފަދަ އެންގުމެއް ކުންފުނިތަކަށް އަންގާފައި ނުވާނެ ކަމަށެވެ. މުވައްޒަފުން މަދުކުރާނީ ވަކި ފިކުރަކަށް ބަލައިގެން ނޫން ކަމަށާއި، ވަކިކުރަނީ އެމީހަކު ކުރާ މަސައްކަތާއި ކުރަންޖެހޭ މަސައްކަތަށް ބަލައި ރިޑަންޑަންސީގެ އުސޫލުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕީސީބީ މެދުވެރިކޮށް ތަފާތު އެކި ފަހަރުމަތިން އިރުޝާދު ދީފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުންފުނިތަކަކީ މާލީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު އެ ވުޒާރާއަށް ލިބިގެންވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ވަޒީފާއިން ދޫކޮށްލުމުގެ ބަދަލުގައި މަސައްކަތް ކުރެވޭނެ އެހެން ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
