ދަރުމަވަންތަ ސްކޫލްގެ ހޯލް އިމާރާތްކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު ވެސް ދަރުމަވަންތަ ސްކޫލްގެ ހޯލުގެ މަސައްކަތް ނުފެށޭ ކަމަށާއި، މި އަހަރުގެ ބަޖެޓުގައި ވެސް އެ މަސައްކަތްކުރުމަށް ހިމަނާފައި ނުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީން އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ކުރީކޮޅު ފޮނުވި ސިޓީއެއްގައި، މާލެ ޖަލު ހުރި ބިމުގައި ދަރުމަވަންތަ ސްކޫލްގެ ހޯލު އިމާރާތްކުރަން ބޭނުންވާ ކަން ފާހަގަކޮށްފައިވާ ކަމަށާއި، ރައީސް އޮފީހުން ވެސް އެކަމަށް އޭރު ހުއްދަދީފައިވާ ކަން ފާހަގަކޮށްފައި އެބައޮތް ކަމަށެވެ.
ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ވެސް، ހޯލެއް އިމާރާތްކުރަން ބޭނުންވާ ކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީން އޭރުގެ ހޯމް މިނިސްޓަރަށް ސިޓީ އެއް ފޮނުވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޖަވާބުގައި އޭގެ 15 ދުވަސް ފަހުން، މާލޭ ޖަލުގައި ގައިދީން ބައިތިއްބަނީ އިތުރު އިންތިޒާމުތަކެއް ހަމަޖައްސައިގެން ކަމަށާއި، ހޯލު އިމާރާތްކުރުމުގެ މައްސަލައިގައި ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި މަޝްވަރާކޮށްގެން ވެސް ހައްލެއް ނުލިބޭ ކަމަށް އޭރުގެ ހޯމް މިނިސްޓްރީން ފޮނުވި ޖަވާބުގައިވާ ކަމަށް، މިނިސްޓަރު ވިދާޅުވިއެވެ.
"މާނައަކީ ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރޭގަ މިކަމާ ބެހޭގޮތުން އެދެވިގެންވާ ރަނގަޅު ގުޅުމެއް ނެތް ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދަރުމަވަންތަ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތައް ސަރުކާރަށް ފާހަގަކުރެވިގެން މާލެ ޖަލު މި އަހަރު ކުރީކޮޅު ބަންދުކޮށްފައިވާ ކަމަށެވެ.
"ރަނގަޅަށް ޕްލޭންކުރެވުނު ނަމަ މި ބިމުގަ ހޯލަކާއި ކުދިން ކުޅޭ ތަނަކާއި އަދި މިހާރު އެ ހުރި އިމާރާތުގެ އެ ހުރި ގާތްގަނޑަކަށް 40 އަކަށް ކްލާސްރޫމްގެ ފެތޭވަރުގެ ރަނގަޅު ސްކޫލެއް މި ބިމުގަ އެޅުނީސް،"