މިދިޔަ އަހަރުގެ އޮގަސްޓް މަހު އަލަށް އިމާރާތްކޮށް ބޭނުން ކުރަން ފެށި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ފަންކާއެއް ކުދިން ކިޔަވަން ތިއްބާ ވެއްޓިއްޖެއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދިން ބެލެނިވެރިއަކު ބުނީ ދަރުމަވަންތަ ސުކޫލުގެ ފަންކާ ވެއްޓިފައިވަނީ ކިޔަވަން ތިއްބާ ޑެސްކު މައްޗަށް ކަމަށެވެ. ނަމަވެސް ބެލެނިވެރިޔާ މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާވެފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެއެވެ. މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މި ހާދިސާއާއި ގުޅިގެން މިނިސްޓްރީން އިއްޔެ އެ ސްކޫލަށް ގޮސް ހުރިހާ ކްލާސްރޫމެއްގެ ފަންކާތައް ރަނގަޅުތޯ ބެލި ކަމަށާއި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މި ހާދިސާ ހިނގާފައިވާކަން ބެލެނިވެރިންނަށްވެސް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅާފައިވަނީ މާލެ ޖަލާއި ވިލާ ކޮލެޖާ ދެމެދު އޮތް ހުސްބިމުގައެވެ. އެ މަސައްކަތް ކުރަން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 74.9 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން އޭރު ދިނީ އެއް އަހަރެވެ.
ނަމަވެސް ސުކޫލު އަޅަން ހަމަޖެހިފައިވާ ބިން ކޮންޓްރެކްޓަރާއި ހަވާލުކުރުން ލަސްވުމާއި ކޮވިޑް-19 އާއި ގުޅިގެން އަމަލީ މަސައްކަތް ފެށުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އިތުރުކޮށްދިން މުއްދަތުގައިވެސް އެ ސުކޫލުގެ މަސައްކަތް ނިމިފައެއް ނުވެއެވެ. ސުކޫލުގެ މަސައްކަތް ނިންމާލެވިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ.