ހޮރުމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރު ދަތުރުކުރުމަށް ވަގުތީ މަގެއް ކަނޑައެޅުމާ ގުޅޭގޮތުން އީރާނާއި އޮމާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި އެއްބަސްވުމަކާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ދެ ގައުމުގެ އަސްކަރީ އަދި ކަނޑުގެ ސިފައިންގެ މެދުގައި ކުރިއަށްދިޔަ މަޝްވަރާތަކުގެ ނަތީޖާއާ ވަރަށް ގާތަށް މިހާރު ވަނީ އާދެވިފައެވެ. މި މަޝްވަރާތައް ބިނާކޮށްފައިވަނީ މިހާރު ހުރި ޗާޓުތަކުގެ މައްޗަށެވެ. ނަމަވެސް، ކަނޑުއޮޅި އެއްކޮށް ހުޅުވާލުމަށްޓަކައި އެހެން ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެ ކަމަށާއި، އޭގެ ތެރޭގައި ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެމެރިކާއިން ދިނުމާއި، ޖޫން މަހު އެކުލަވާލި އެއްބަސްވުމާ އެމެރިކާއިން ހިލާފުވެފައިވާތީ އެކަމަށް ބަދަލުދިނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން ބޭނުންކުރި ޓްރެފިކް ސެޕަރޭޝަން ސްކީމް (ޓީއެސްއެސް) އަކީ މިހާރު އީރާނަށް ގަބޫލުކުރެވޭނެ ނިޒާމެއް ނޫން ކަމަށާއި، އާ ނިޒާމެއް ކަނޑައެޅުމުގައި ގާނޫނީ އަދި ފަންނީ ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށް ވެސް އަރަގްޗީ ފާހަގަކުރެއްވިއެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގެ އަމާޒަކީ އީރާނުން ކަނޑައަޅާފައިވާ އުތުރުގެ މަގާއި އެމެރިކާއިން ބޭނުންވާ ދެކުނުގެ މަގާ ތަފާތު، މެދުތެރޭގެ އާ މަގެއް ކަނޑައެޅުމެވެ. އަދި މި އާ މަގުގެ ޖިއޮގްރަފިކަލް ކޯޑިނޭޓްސް މިހާރު ކަނޑައަޅައި ނިމިފައިވާ ކަމަށް އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި، އޮމާނާއެކު ކުރިއަށްދާ މަޝްވަރާތަކުން ހޮރުމުޒް ކަނޑުއޮޅީގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރައްވައެވެ. އެމެރިކާއަކީ އިތުބާރުކުރެވޭނެ ގައުމެއް ނޫން ކަމަށް ވިދާޅުވި ނަމަވެސް، މިއީ އެއްބަސްވުމަކަށް އައުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ހަނގުރާމައެއް ނެތް، ނަމަވެސް ސުލްހައެއް ވެސް ނެތް ހާލަތުން ގައުމު އަރައިގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ ހޮރުމުޒް ކަނޑުއޮޅި ހުޅުވާލުމަށް ހަ ޝަރުތެއް ކަނޑައަޅާފައެވެ. އެ ކައުންސިލުން ބުނި ގޮތުގައި، އޭގެ ތެރޭގައި އީރާނަށް އެމެރިކާއިން ދެމުންދާ އިންޒާރުތައް ހުއްޓާލުމާއި، އީރާނާއި އެ ގައުމާ ގުޅިފައިވާ ފަރާތްތަކާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމާއި، އީރާން ބްލޮކޭޑް ކުރުމުގައި ހަރަކާތްތެރިވާ ކަނޑާއި ވައިގެ ސިފައިން ފޭބުން ހިމެނެއެވެ. މީގެ އިތުރުން، ހަމަނުޖެހުންތަކުގައި ލިބުނު ގެއްލުމުގެ ބަދަލު ދިނުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ އީރާނުގެ މުދާތައް ދޫކޮށްލުން ވެސް މި ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވެސް ވަނީ މި ޝަރުތުތައް ތަކުރާރުކޮށްފައެވެ. އައިއާރްޖީސީގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ކަނޑުއޮޅި ހުޅުވާލުން ބިނާވެފައިވަނީ އީރާނުގެ ޝަރުތުތައް އެމެރިކާއިން ފުރިހަމައަށް ގަބޫލުކުރުމާއި، ސަރަހައްދީ މަޝްވަރާތަކުގެ ތެރެއަށް އެމެރިކާއިން ވަނުން ހުއްޓާލުމުގެ މައްޗަށެވެ.

މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އޮމާނުން ވަނީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ. އޮމާނުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، ވަކި ފަރާތެއްގެ ބޮލުގައި އިލްޒާމް އެޅުވުމެއް ނެތި އެ ހަމަލާތައް ކުށްވެރިކޮށްފައިވާއިރު، އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ކުރިއަށްދަނީ ރަނގަޅު އަދި ބިނާކުރަނިވި މާހައުލެއްގައި ކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުކޮށް، ބަދަލުތަކެއް ގެންނަން އީރާނުން ބޭނުން ނުވާނަމަ، ވޮޝިންޓަނުން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ކުރިއަށް ގެންދާނެއެވެ. އަދި އީރާނުގެ އަމަލުތައް ހުންނަ ގޮތުން އެމެރިކާގެ ސިޔާސަތުތަކަށް ބަދަލު އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކަނޑުއޮޅިން އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގެއް ގާއިމުކުރުމުގެ މަސައްކަތް އެމެރިކާއިން ކުރަމުންދާ ކަމަށާއި، ތެޔޮ އުފުލުމަށް އީރާނުން ހުރަސް ނާޅާނެ ކަމަށް ބުނި ނަމަވެސް އެކަމަށް އިތުބާރު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަތައް ކުރިއަށްދާއިރު، މެދުއިރުމަތީގެ އެހެން ސަރަހައްދުތަކުގައި ވެސް ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ. އެގޮތުން، އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ގައްޒާއަށާއި ލުބުނާނުގެ ދެކުނަށް ދެމުންދާ ހަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައިތުލަހަމް ކައިރީގައި ފަލަސްތީނުގެ ރައްޔިތުންގެ ގެތަކަށް އިސްރާއީލުގެ ވަޒަންވެރިން ވަނީ ހަމަލާދީފައެވެ.