ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، އޭގެ ކައްޕި އާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ފުލުސް އޮފިސަރު، ސާޖަންޓް އަލީ ނާފިއުއަކީ އަހުލާގު ރަނގަޅު އަދި ސާބިތު އެއް އޮފިސަރުކަން ފާހަގަކޮށް، އޭނާގެ އެކުވެރިއަކު އަސަރުގަދަ މެސެޖެއް ހިއްސާކޮށްފިއެވެ.
އޭނާގެ އެކުވެރިޔާ ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ ސާޖަންޓް ނާފިއު ގެއްލުނު ހަބަރު އަޑުއެހީ ނުހަނު ފުން އަސަރާއެކު ކަމަށެވެ. އަދި ނާފިއުއަކީ ހިދުމަތުގައި ވަރަށް ނަމޫނާ ސާބިތު އޮފިސަރެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެއެވެ.
އެކުވެރިޔާގެ މެސެޖުގައި ސާޖަންޓް ނާފިއުގެ އިތުރުން ހާދިސާގައި ގެއްލުނު އެމްއެންޑީއެފްގެ އޮފިސަރާއި، ދޯނީގެ ކެޕްޓަންގެ ސަލާމަތަށް އެދި ދުއާކުރުމަށް އެދިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާއެކު ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ އެ ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ ބޭކަލަކު ގެއްލިފައިވާތީ އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ފުލުހުން ބުނީ މި ސަޕްލައި ދޯންޏަކީ އޯގަސްޓް 5 ވަނަ ދުވަހުގެ ފަތިހު ތ. މަޑިފުށިން ފުރައިގެން ދަތުރުކުރި ދޯންޏެއްކަމަށާއި، މި ދޯނި ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 22:40 އެހައިކަންހާއިރުކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކުރެވިފައިވާކަމަށާއި، މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި މުހައްމަދު ހަމްދޫން (35 އަހަރު)، އާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޕޮލިސް ސާޖަންޓު އަލީ ނާފިއު (33 އަހަރު)، އަދި އެމްއެންޑީއެފްގެ ސާޖަންޓު އިބްރާހީމް އަހްމަދު (39 އަހަރު) ކަމަށެވެ.
ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ވައިގެ މަގުން ޔޫއޭވީ (ޑްރޯން) އާއި މޯލްޑިވިއަންގެ ފްލައިޓެއް ވެސް މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.
