މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިޖުތިމާއީ ޒިންމާގެ ދަށުން މާފަންނު ރަސްފަންނު ސަރަޙައްދުގައި އަލަށް އިމާރާތްކުރި ފާޚާނާބަރި ނިންމައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި އިއްޔެ ހަވީރު ރަސްފަންނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެމްޕީއެލްގެ ފަރާތުން މި ފާހާނާބަރި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސާ މުހައްމަދު މުއީންއެވެ. ސަރުކާރުގެ ފަރާތުން މި ފާހާނާބަރިއާ ހަވާލުވެވަޑައިގަތީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އިސްމާއީލް ޙަމީދުއެވެ.
މި މަޝްރޫއަކީ ރަސްފަންނަށް ޒިޔާރަތްކުރާ އާންމު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިނިސްޓްރީގެ އެދިލެއްވުމަކަށް އެމްޕީއެލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.
މި ފާހާނާބަރީގެ ޑިޒައިން އަދި އަމަލީ މަސައްކަތްތަކާ ގުޅޭގޮތުން އެމްޕީއެލް އިން މައުލޫމާތު ދިން ގޮތުގައި، މި ތަނުގެ ޗާޓު ކުރަހައި ޑިޒައިންކޮށްފައިވަނީ އެ ކުންފުނީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުންނެވެ. އަދި އިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންގޮސްފައިވަނީ އެމްޕީއެލްގެ ފެސިލިޓީ ޑިޕާޓްމަންޓްގެ ހީވާގީ މުވައްޒަފުންނެވެ.
އަލަށް ހުޅުވި މި ފާހާނާބަރީގައި ދެ ފާހާނާއާއި ފެންވަރާނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، މިއީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވީލްޗެއާގައި ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ބަލައިގެން ފަރުމާކޮށްފައިވާ ތަނެކެވެ. މި ތަނުގެ ސަބަބުން ރަސްފަންނަށް މޫދަށް އެރުމަށާއި ހިތްއުފާކޮށްލުމަށް ޒިޔާރަތްކުރާ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
އެމްޕީއެލް އިން ބުނީ ރައްޔިތުންނަށް ސީދާ ގޮތުން ފައިދާކުރާނެ މިފަދަ އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނިން އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ކަމެއް ކަމަށެވެ.
