މާލޭގެ އެންމެ ކާރޫބާރޫ ބޮޑު، އަދި އިގްތިސާދީ ގޮތުން އެންމެ މުހިންމު މައިނާރެސް ކަމުގައިވާ ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އާންމުންނަށް ހުޅުވާލުމާއެކު، މުޅި މާލޭގެ މަލަމައްޗަށް ވަނީ އާދަޔާ ހިލާފު ދިރުމެއް އައިސްފައެވެ. އޮމާން ތާރުގަނޑުމަތީގައި ދުއްވާލަން ލިބުމަކީ، ކޮންމެ ދުވަހަކު އެ މަގު ބޭނުންކުރާ އެތައް ހާސް ރައްޔިތުންނަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ސަރުކާރުން ހިންގި މި މުހިންމު މަޝްރޫއަކީ މާލޭގެ ރައްޔިތުންނާއި، ވިޔަފާރިވެރިން އަދި ދަތުރުފަތުރު ކުރާ ފަރާތްތަކުން އެތައް އަހަރެއް ވަންދެން އިންތިޒާރު ކުރަމުންދިޔަ ބޮޑު ބަދަލެކެވެ. މަގު ހުޅުވާލުމާއެކު އާންމުންގެ ފަރާތުން ލިބެމުންދާ އެންމެ ބޮޑު އެއް ޝުއޫރަކީ، މީގެ ކުރިން ތަހައްމަލު ކުރަންޖެހުނު ދަތިތަކުން ސަލާމަތްވެ، ދިރިއުޅުމުގެ ކަންކަމަށް ލިބުނު ބޮޑު ލުއިފަސޭހަކަމުގެ ވާހަކައެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، މިއީ ހަމައެކަނި މަގަކަށް އައި ބަދަލެއް ނޫނެވެ؛ މިއީ މުޅި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ހެޔޮ ބަދަލެކެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ފުޅާކޮށް އާންމުންނަށް ހުޅުވާލުން / ފޮޓޯ: ހައުސިން މިނިސްޓްރީ

މީގެ ކުރިން ބޮޑުތަކުރުފާނު މަގު އޮތް ގޮތުން، އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މުދާ އުފުލުމުގެ ދަތިކަމެވެ. މަގު ހަނިވުމުގެ ސަބަބުން މުދާ ބަރުކޮށްގެން އަންނަ ޕިކަޕާއި ލޮރީ ފަދަ ވެހިކަލްތަކަށް ފިހާރަތަކާ ގާތްކުރުމަކީ ނުވާނެ ކަމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މަގުގެ އެއްފަރާތެއްގައި ވެހިކަލް ބާއްވައިގެން، ދުރަށް ބުރަ މަސައްކަތުން މުދާ އުފުލުމަކީ ވިޔަފާރިވެރިންނާއި މަސައްކަތްތެރިން ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުންދިޔަ ބޮޑު ތަކުލީފެކެވެ. ގިނަ ފަހަރަށް މުދާ ބާލަން އުޅުމުގެ ތެރޭގައި މަގު ބްލޮކްވެ، އެހެން ވެހިކަލްތަކަށް ނުދުއްވި، އެތައް އިރެއް ވަންދެން ޓްރެފިކްގައި ޖެހިފައި ތިބެން ޖެހެއެވެ.

މީގެ ކުރިން ބޮޑުތަކުރުފާނު މަގަކީ އަބަދުވެސް ކާރޫބާރޫ ބޮޑު، ވެހިކަލްތަކުން ތޮއްޖެހިފައި އޮންނަ މަގަކަށް ވުމުން، ދަތުރުފަތުރު ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެ، އާންމުންގެ މެދުގައި ނުހަނު ބޮޑު ޝަކުވާއެއް އޮތް މަގެކެވެ. ހާއްސަކޮށް ބާޒާރުމަތީ ސަރަހައްދަށް ވަދެ ނުކުމެ އުޅުމަކީ ގިނަ ބަޔަކަށް ބޮޑު ބޮލުރިހުމަކަށް އޮތީ ވެފައެވެ. ވާރޭ ވެހޭ ދުވަސްވަރު މަގުމަތީގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ކުރިމަތިވި ދަތިތަކަކީވެސް މާޒީގެ ސަފުހާތަކުން ފެންނަން އޮތް ހިތްދަތި ހަގީގަތެކެވެ. އޭރުގެ ހާލަތު އޮތް ގޮތުން، ބައެއް މީހުން ބާޒާރުމައްޗަށް ދާން ޖެހިއްޖެނަމަ، އެކަމާ ދޭތެރޭ އެތައް ފަހަރަކު ވިސްނަން ޖެހޭ ހިސާބަށް ކަންކަން އޮތީ ގޮސްފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ފުޅާކުރުމުން އުޅަނދުފަހަރަށާއި ހިނގާ އުޅުމަށް ލުއިފަސޭހަކަމެއް / ފޮޓޯ: ހައުސިން މިނިސްޓްރީ

ނަމަވެސް، މިހާރު މަގު ފުޅާކޮށް، ފެންވަރު ރަނގަޅު ތާރު އަޅައި ޒަމާނީ ފެންވަރަށް ބަދަލުކޮށްލުމުން، މަގުގެ ދެކޮޅަށް ވެހިކަލްތައް ދުއްވުމުގައި އާދަޔާ ހިލާފު ހަލުވިކަމެއް ވަނީ އައިސްފައެވެ. މިހާރު ބޮޑުތަކުރުފާނު މަގު ބޭނުންކުރާ ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، ކުރިއާ އަޅާބަލާއިރު މިހާރު މި މަގުން ދަތުރުކުރުމަކީ 200 ޕަސެންޓް ފަސޭހަ ކަމެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން، ބޮޑުތަކުރުފާނު މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށްފައެވެ. މީގެ ސަބަބުން، ވިޔަފާރިވެރިންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތް މުދާ ބޭލުމާއި ބަރުކުރުމުގެ މައްސަލައަށް މިހާރު ވަނީ ދާއިމީ ހައްލެއް ލިބިފައެވެ. މިހާރު ޕިކަޕާއި ލޮރީތައް ފިހާރަތަކާ ގާތްކޮށްގެން، އެއްވެސް ދަތިކަމެއް ނެތި މުދާ ބަރުކޮށް ބޭލުމުގެ ފުރުސަތު ލިބިފައިވުމަކީ ވިޔަފާރިތަކުގެ ހިންގުން އަވަސްވެ، އެތަކެއް ލުއިފަސޭހަކަމެއް ލިބިގެންދާ ކަމެއްގެ ގޮތުގައި ވިޔަފާރިވެރިން ސިފަކުރެއެވެ.

ބޮޑުތަކުރުފާނު މަގުގައި ޕާކުކުރުން މަދުކުރުމަށް، ގާއިމުކޮށްފައިހުރި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯން / ފޮޓޯ: ހައުސިން މިނިސްޓްރީ

ބޮޑުތަކުރުފާނު މަގުގެ މަގުމަތީގައި ޕާކުކުރުން މަދުކުރުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް ސަރަހައްދުގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ތަރައްގީކޮށްފައިވުމަކީވެސް މަގުގެ ތޮއްޖެހުން ކުޑަވެގެންދިޔަ މައިގަނޑު އެއް ސަބަބެވެ. ހަމަމިއާއެކު ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކަށްވެސް މި މަޝްރޫއުގެ ސަބަބުން ވަނީ ބޮޑެތި ފަސޭހަތަކެއް ލިބިފައެވެ. އަލަށް ހެދި ކީވޯލްތަކާއެކު ލޯންޗުފަހަރަށް ގާތްކުރަން ފަސޭހަވެ، މުދާ އަރުވައި ބޭލުމުގެ ކަންކަން ވަނީ ވަރަށް ބޮޑަށް އަވަސްވެފައެވެ. މީގެއިތުރުން މަގުގައި ފެން ހިންދާ ޒަމާނީ ނިޒާމެއް ގާއިމުކޮށްފައިވުމުން، ވާރޭ ވެހޭ ދުވަސްތަކުގައި ފެންބޮޑުވުމުގެ މައްސަލައަށްވެސް ވަނީ ދާއިމީ ހައްލެއް ލިބިފައެވެ.

ސަރުކާރުން ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް މިހާރު ހުޅުވާލާފައިވީ ނަމަވެސް، މިއީ މާލޭގެ އުތުރު ފަރާތުގެ މަގުތަކާއި ބަނދަރު ސަރަހައްދު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ އެއް ބައެވެ. މި މަޝްރޫއުގެ ދަށުން ކުރަން ހުރި އިތުރު މަސައްކަތްތަކާއި، ހާއްސަކޮށް އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ރިންގް ރޯޑުގެ ބައި ތަރައްގީކޮށް، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވިއެވެ.

މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގާއި ބަނދަރު ސަރަހައްދު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތްތައް ނިމުމުން، މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އައިސް، ރައްޔިތުންނަށް ދާއިމީ ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.