މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ވިޔަފާރިވެރިންނާ މަޝްވަރާކޮށްފިއެވެ.

މިއަދު މީރުމާގައި ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި ވިޔަފާރިވެރިންގެ މަންދޫބުންގެ އިތުރުން އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީގް އަދި އިސް މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޕީއެލް އިން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް، މަޝްރޫއުގެ އެންމެ މުހިންމު އެއް ހިއްސާދާރުން ކަމުގައިވާ ވިޔަފާރިވެރިންނާ ހިއްސާކުރުން ކަމަށެވެ. އަދި މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ތިލަފުށީގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަ އަދި 'އެފިޝިއަންޓް' ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ބެހޭ މުހިއްމު ކަންކަން ހިއްސާކޮށްފައިކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުުރުމާއި ގުޅިގެން، އެމްޕީއެލް އިން ދަނީ ސިލްސިލާކޮށް ކަމާބެހޭ ސްޓޭކްހޯލްޑަރުންނާއި ބައްދަލުކޮށް މަޝްވަރާކުރަމުންކަމަށާއި، އެގޮތުން މިހާތަނަށް ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން މީޑިއާ އަދި މަޖޫރީންނާ ވެސް ބައްދަލުކޮށްފައިވާކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ އިތުރުން މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެއްކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެމްޕީއެލް އިން ބުނީ ތިލަފުށީގައި ތަރައްގީކުރާ ބަނދަރަކީ މާލޭ ބަނދަރަށްވުރެ 12 ގުނަ ބޮޑު ސަރަހައްދެއްކަމަށާއި، އެގޮތުން މި ބަނދަރު ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު މިހާރު ބަނދަރަށް ދިމާވެފައި މައްސަލަތައް ހައްލުކުރެވޭނެ މުހިންމު ތަނަކަށް ކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މުހިންމު އިގުތިސާދީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ ތިލަފުށީގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު "ސްޓޭޓް އޮފް ދި އާޓް" މަލްޓި ޕާޕަސް ބަނދަރެއް ގާއިމުކުރުމެވެ. މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ ނިޒާމެއް ގާއިމުވެފައިވާ ތަނެއްކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

މި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހިދުމަތަށް ހުޅުވާނެކަމުގެ ފުރިހަމަ ޔަގީންކަން ރަައީސް ޑރ މުހައްމަދު މުއިއްޒު ވަނީީ ދެއްވާފައެވެ.