މިއަދު މާލެއަށް ވެހެމުންދާ ވާރޭގައި ފެންބޮޑުވެފައިވާއިރު، އަދިވެސް ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މިއަދު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު ސިފައިން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕުތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދާއި މާދަމާ ވެސް މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެއެވެ. މޫސުމީ ލަފާކުރުންތަކުން ދައްކާގައި ގޮތުގައި، އެންމެ ބޮޑަށް ވިއްސާރަކުރާނީ މާދަމާ އެވެ.

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް މިއަދު ހަވީރު 4:00 ގެ ނިޔަލަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނެއްގައި ރާޅުތައް ހުންނާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ސްކޫލު ބަންދު ނިމޭއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ޓާމް ބަންދު ޗުއްޓީ ނިންމައިފައި އަންނަ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުވުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ހަމަ އެހެންމެ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވުމުން، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.