ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ގެ އިތުރު 22 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް ފެނުނު މި 22 ކޭސްއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 166 އަށް އަރާފައެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމަކަށް ވީނަމަވެސް، މިފަހުން މި ބަލީގެ ކޭސްތައް ފެނި އިތުރުވަމުންދާތީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ވޭތުވެދިޔަ ހަފްތާތަކުގައި މާލެ ސަރަހައްދުން ރިޕޯޓްކުރި ކޭސްތަކުގެ ތަފްސީލް:
- ޖުލައި 14 އިން ޖުލައި 20 އަށް: 22 ކޭސް
- ޖުލައި 7 އިން ޖުލައި 13 އަށް: 23 ކޭސް
- ޖޫން 30 އިން ޖުލައި 6 އަށް: 55 ކޭސް
- ޖޫން 23 އިން ޖޫން 29 އަށް: 44 ކޭސް
- ޖޫން 15 އިން ޖޫން 28 އަށް: 2 ކޭސް
- ޖޫން 10 އިން ޖޫން 16 އަށް: 5 ކޭސް
- ޖޫން 3 އިން ޖޫން 9 އަށް: 4 ކޭސް
- މާޗް 27 އިން ޖޫން 2 އަށް: 2 ކޭސް
މި ބައްޔާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭއިން ބުނީ، ބަލި ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިހާތަނަށް 7,100 މީހުންނަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށެވެ. އަދި ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލުގެ "އާބަސް" ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިންގެ ހިދުމަތް ލިބޭނެއެވެ.
"މީސްލްސް" ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ މި ބައްޔަކީ ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބަލިޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކު އުޅޭ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުމަކީ އެންމެ މުހިންމު ފިޔަވަޅުކަމަށް ސިއްހީ އިދާރާތަކުން ފާހަގަކުރެއެވެ.
