ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، އެ ރަށުގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް (މަގަތު ފާލަން) ތަރައްގީކުރުމުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

މިއަދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހެޑް އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ދުނިޔޭގެ ބަނދަރު ހެދުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގެވެ. ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި:

  • ބައިނަލްއަގްވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ހާއްސަ، 14.6 މީޓަރު ފުން، 375 މީޓަރު ދިގު ކީ-ވޯލްއެއް ހެދުން.
  • ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަ، 5 މީޓަރު ފުން، 820 މީޓަރު ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުން ހިމެނެއެވެ.

މި މަޝްރޫއަކީ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ. ތިލަފުށީގައި ތަރައްގީކުރާ ބަނދަރަކީ މާލޭ ބަނދަރަށްވުރެ 10 ގުނަ ބޮޑު ސަރަހައްދެކެވެ. މި މަޝްރޫއު ނިމުމުން، މިހާރު މާލޭ ބަނދަރުގެ ބޭރުގައި ބޯޓުފަހަރު ބާއްވައިގެން މުދާ ބޭލުމަށް ކުރާ "އައުޓާ އެންކަރޭޖް" އޮޕަރޭޝަންތައް ހުއްޓުމަކަށް އަންނާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލް އިން މައުލޫމާތު ދޭ ގޮތުގައި، އައު ބަނދަރުގެ ހިދުމަތް ފެށުމުން މުދާ ބޭލުމަށް މިހާރު ހޭދަވާ 7 ދުވަސް، 2 ދުވަހަށް ކުރުވެގެންދާނެއެވެ. މީގެ އިތުރުން، ގެންޓްރީ ކެރޭނާއި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފެށުމުން ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ބޮޑެތި ބޯޓުފަހަރުތަކަށް ރާއްޖެއަށް މުދާ ގެނައުމުގެ މަގު ފަހިވާނެއެވެ. މީގެ ސަބަބުން މުދަލުގެ ފްރައިޓް ކުޑަވެ، އާންމު ރައްޔިތުންނަށް މުދާ ލިބޭ އަގު ހެޔޮވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް އެއްކޮށް ނިންމުމަށް ތާވަލުކޮށްފައިވަނީ 11 ނޮވެމްބަރު 2027 އަށެވެ. މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މިހާރުވެސް އެމްޓީސީސީ އާ ހަވާލުކުރެވިގެން ދަނީ ކުރިއަށެވެ.